މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 783.88 މިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މީރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އެ އިދާރާއިން އަންދާޒާ ކުރި ވަރަށްވުރެ 16.7 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ މިދިޔަ އަހަރުގެ މެއި މަހު އެ އިދާރާއިން ބަލައިގަތް އާމްދަނީއަށްވުރެ 283.6 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީ ދަށްވީ ކޮވިޑް-19އާ ހެދި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، މާލކެ ސަރަހައްދުގައި ލޮކްޑައުން އިއުލާން ކުރުމުންނެވެ. މި ސަބަބުތަކާހުރެ މިދިޔަ އަހަރު ވިޔަފާރިތަކުން ދައްކަން ޖެހޭ ބައެއް ޓެކްސްތައް ސަރުކާރުން ފަސްކޮށްދިނެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 496.19 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ.
މީގެ އިތުރުން މިދިޔަ މަހު ގްރީން ޓެކްސްގެ ގޮތުގައި 52.68 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 33.44 މިލިއަން ރުފިޔާ އާއި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 32.74 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 32.79 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.