އައިޖީއެމްއެޗުގެ މި އަހަރުގެ ހިތާނީ ކޭމްޕް ފަށައިފި އެވެ.

ސަރުކާރުން ހިންގާ އެންމެ ބޮޑު ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ފެށި ހިތާނީ ކޭމްޕްގެ ދަށުން 500 ކުއްޖަކު ހިތާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދުވާލަކު 20 ކުއްޖަކު އައިޖީއެމްއެޗްގައި ހިތާނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކޮޅުގައި ޚިދުމަތް ދެވޭނެ ވަރު ބަލާފައި މި ފެށީ. އައިޖީއެމްއެޗްގައި ނަން ނޯޓު ކުރި ހުރިހާ ކުދިންނަށް ވެސް މި ޚިދުމަތް މި އަހަރުު ލިބޭނެ." އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ކުއްޖަކު ހިތާނުކުރުމަށްފަހު ވޯޑަށް ގެންދަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އައިޖީއެމްއެޗްގައި ކުއްޖަކު ހިތާނުކުރުމަށްފަހު ވޯޑަށް ގެންދަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ވެސް އެ ހޮސްޕިޓަލުގައި 500 ކުއްޖަކު ހިތާނު ކުރި އެވެ. އައިޖީއެމްއެޗުން ހިތާނުކޮށް ދެނީ އާސަންދައިގެ ދަށުން ހިލެ އެވެ.

އެއީ ޑޮކްޓަރަށް ދެއްކުމަށް 200ރ. އާއި ޓެސްޓްތައް ހެދުމަށާއި ހިތާނު ކުރުމާ ހަމައަށް ދިއުމަށް 650ރ. އެވެ. އަދި އޭގެ ފަހުން އެތަނުގައި ހުރުމާއި އެހެނިހެން ކަންކަމަށް 1،000ރ. އެވެ.

އައިޖީއެމްއެޗުން ބުނީ ހިތާނީ ކޭމްޕް ނިންމާނީ އަންނަ ޖެނުއަރީ 6 ގައި ކަމަށެވެ.

އައިޖީއެމްއެޗްގައި ހިތާނީ ކޭމްޕް އައިޖީއެމްއެޗްގައި ފެށިފައި. - ފޮޓޯ: އައިޖީއެމްއެޗް
އައިޖީއެމްއެޗްގައި ހިތާނީ ކޭމްޕް އައިޖީއެމްއެޗްގައި ފެށިފައި. - ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ އިތުރުން އޭޑީކޭގެ ހިތާނު ކޭމްޕް ވެސް މިދިޔަ ހަފްތާގައި ވަނީ ފަށައިފަ އެވެ. އޭޑީކޭގައި ހިތާނުކޮށްދޭ އަގަކީ 5،000ރ. އެވެ. އޭގެ ތެރެއިން 1،000ރ. ކަވަރު ކުރަނީ އާސަންދައިންނެވެ.

މީގެ އިތުރުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ހިންގަވާ ސަދަގާތު ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހިތާނީ ފެސްޓިވަލްގައި ކުރިން ނިންމާފައި އޮތީ 140 ކުދިން ހިތާނުކުރާ ގޮތަށް ކަމަށް ވިޔަސް މިހާރު ވަނީ 500 އަށް ޖާގަ އިތުރުކޮށްފަ އެވެ.