އޭޑީކޭގެ ހިތާނު ކޭމްޕް އަންނަ ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލުގައި ފަށާނެ ކަމަށް އެތަނުން ބުނެފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ފުރުސަތު ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަން އިއުލާނު ކުރިތާ ދެ ހަފުތާގެ ތެރޭގައި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ޖާގަ ފުލްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑު ތަރުހީބެއް މިހާރު ވެސް ލިބެމުން އަންނަނީ. މިހާތަނަށް 300 އެއްހާ ކުދިން ވަނީ ހިތާނު ކުރުމަށް ނަން ނޯޓުކޮށްފައި،" އަފްއާލް ވިދާޅުވި އެވެ.
އޭޑީކޭގެ ވަކި ބައެއް ހިތާނު ކުރުމަށް ހާއްސަކޮށްފައިވާއިރު، ދުވާލަކު 20 ކުދިން އެތަނުގައި ހިތާނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޑީކޭގައި ހިތާނުކޮށްދޭ އަގަކީ 5،000 ރުފިޔާ އެވެ. އޭގެ ތެރެއިން 1،000 ރުފިޔާ އާސަންދައިން ކަވަރުކޮށްދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އޭޑީކޭގެ އިތުރުން އައިޖީއެމްއެޗުގައި ވެސް ހިތާނުކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެ އެވެ. އެކަމަކު އެތަނުގެ މީޑިއާ އޮފިޝަލުން ފޯނު ނުނަންގަވާތީ އެކަމުގެ ތަފްސީލެއް ނުލިބުނެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ފަރާތުން ވެސް ހިތާނީ ކޭމްޕެއް ކުރިއަށް ގެންދެ އެވެ.
ފަސްޓް ލޭޑީ ހިންގަވާ ސަދަގާތު ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހިތާނީ ފެސްޓިވަލްގައި މިއަހަރު ކުރިން ނިންމާފައި އޮތީ 140 ކުދިން ހިތާނުކުރާ ގޮތަށް ކަމަށްވިޔަސް މިހާރު ވަނީ 500 އަށް ޖާގަ އިތުރުކޮށްފަ އެވެ. އަދި މުޅިން ހިލޭ ބައިވެރިވެވޭ މި ހަރަކާތަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.