ހުޅުމާލޭގެ ރަށު މާރުކޭޓުން 23 ގޮޅި ކުއްޔަށް ދޭން އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ރަަށު މާރުކޭޓުން 23 ގޮޅި، ބީލަމުގެ އުސޫލުން ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. އެ ގޮޅިތައް ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައަޅާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ކުއްޔަށް ދޭ ގޮޅިތަކުގެ ތަފުސީލު

- ގޮޅިތައް ކުއްޔަށް ދެނީ ދެ އަހަރަށް.

- ގޮޅިތަކުގެ ބޮޑުމިނަކީ 73.33 އަކަފޫޓް.

- ބީލަން ފެށޭ އަގަކީ 3،500ރ.

ހުޅުމާލެ ރަށުމާރުކޭޓުން ބަޔަކު ވިޔަފާރި ކުރަނީ: އެތަނުން 23 ގޮޅި ކުއްޔަށް ދޭން އެޗްޑީސީން ވަނީ ހުޅުވާލައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލެ ރަށުމާރުކޭޓުން ބަޔަކު ވިޔަފާރި ކުރަނީ: އެތަނުން 23 ގޮޅި ކުއްޔަށް ދޭން އެޗްޑީސީން ވަނީ ހުޅުވާލައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިއުލާނުގައިވާ ގޮތުން، އެ ގޮޅިތައް ކުއްޔަށް ދޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށް އެކަންޏެވެ. ހުޅުމާލެ ރަށު މާރުކޭޓް މިހާރު ވެސް ގޮޅި ކުއްޔަށް ނަގާފައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.

އެ ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ މީހުން މި މަހުގެ 8 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ބީލަން ހުޅުވުން ވެސް އޮންނަނީ ހަމަ އެ ދުވަހު އެވެ.

އެޗްޑީސީން ވަނީ، މި ފަހަރުގެ ރޯދަމަހާ ދިމާކޮށް، ހިޔާ ފްލެޓް ސަރަހައްދުގައި ހަދާ ވަގުތީ މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.