ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުގެ 12 ގޮޅިއެއް ކުއްޔަށް ދޫކުރަން އެޗްޑީސީން އިއްޔެ އިއުލާން ކޮށްފި އެވެ.
އެ ކުންފުނީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ގޮޅިތަކަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 އާއި 11:00 ދެމެދުގެ ވަގުތެއްގަ އެވެ. ފޯމުތައް ބަލައިގަންނަން ހާއްސަ ޑެސްކެއް ރެހެންދި ސްކޫލް ހޯލުގައި އެޗްޑީސީން ބަހައްޓާނެ އެވެ.
ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ގޮޅިތައް ދޫކުރާނީ ގުރުއަތުން ހޮވޭ މީހުންނަށެވެ. ގުރުއަތު ނަގާނީ ހަމަ އެ ދުވަހުގެ މެންދުރު 11:30ގަ އެވެ.
ކުއްޔަށް ދޫކުރާ ގޮޅިތަކުގެ ތެރެއިން ހަ ގޮޅި ދޫކުރާނީ ވެޓް ނުވަތަ ޑްރައި ސްޓޯލްގައި ކުރެވޭ އާއްމު މަސައްކަތްތަށެވެ. ބާކީ ހަ ގޮޅި ދޫކުރާނީ އާއްމު ވިޔަފާރިތަކަށެވެ.
އެޗްޑީސީން އެ ގޮޅިތައް ދޫކުރާނީ ތިން މަހުގެ މުއްދަތަކަށެވެ. ކޮންމެ މަހަކަށް ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 3،500ރ. އެވެ.
ގޮޅިތައް ކުއްޔަށް ނަގަން ހޮވޭ މީހުން ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 1500ރ. އަދި ލީސް ޑިޕޮޒިޓްގެ ގޮތުގައި 10،500ރ. ދައްކަން ޖެހޭނެ އެވެ.