ހުޅުމާލޭގެ ބަނދަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކޮންޓެއިނަރު އުފުލަން ބޭނުންކުރާ ވެހިކަލެއްގައި މިއަދު މެންދުރު ރޯވެ އަނދައިފި އެވެ.
އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ އެތަނުގައި ބޭނުންކުރާ ބާޖް ހޭންޑްލާއެއްގެ އިންޖީނުގައި ރޯވެ ވަރަށް ބޮޑަށް އަނދާފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންޓެއިނަރެއް ނަގަން އުޅެނިކޮށް އެ ވެހިކަލްގެ އިންޖީނުގައި ރޯވީ. ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލައިފި،" އޭނާ ވިދާޅުވި އެވެ.
ވެހިކަލްގައި ރޯވެފައި ވަނިކޮށް ނަގާފައިވާ ވީޑިއޯއެއް މިހާރު ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބާޖް ހޭންޑްލާގައި ރޯވެފައި ވަނީ ކޮންޓެއިނަރުތަކެއްގެ ކައިރީގައި އޮއްވަ އެވެ. އަދި ރޯވެ އެ ވެހިކަލްގެ ޑްރައިވަރު އިންނަ ތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެ ހާދިސާގައި ކޮންޓެއިނަރުތަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ވެހިކަލްގައި ރޯވެ ހަލާކުވި ނަމަވެސް، އެތަނުގައި ހިންގާ އޮޕަރޭޝަނަށް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތިނުވާ ކަމަށެވެ.