ހުޅުމާލެއަށް މިއަދުގެ ހެނދުނު ވެހުނު ބޯ ވާރޭގައި އެމްޕީއެލްގެ ހައުސިން ފްލެޓްތަކުގެ އެތެރެއަށް ފެން ލީކުވެ، ގެއްލުންވެއްޖެ އެވެ.
ހުޅުމާލެ 2 ގައި އެމްޕީއެލްގެ މުވައްޒަފުންނަށް އިމާރާތް ކޮށްފައިވަ ފްލެޓުތަކުގެ އެތެރެއަށް ވަރަށް ބޮޑަށް ފެންގަނޑު ވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވާރޭގައި ސިޑިބަރިން ފެންގަނޑު ފައިބައި، އެޕާޓްމަންޓްތަކަށް ވެސް ފެން ވަދެ އެވެ. އަދި ލިފްޓުތަކުގެ އެތެރެއިން ވެސް ފެން ފައިބާ މަންޒަރު ފެނެ އެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ ބޯކޮޮށް ވާރޭވެހުމުގެ ސަބަބުން އެމްޕީއެލްގެ ޕޯޓް ރެޒިޑަންސްގެ އެމް އާއި ޕީ ޓަވަރުގެ ޓެރަސްގައި ފެންބޮޑުވެ، ސިޑިތަކާއި ލިފްޓު ތެރެއަށް ވެސް ފެންވަދެފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ދެ ޓަވަރުން ވެސް ފެނުގެ އަސަރުކުރި ނަމަވެސް އާންމު ސަރަހައްދުތައް މިހާރު ވަނީ ސާފުކޮށްފަ އެވެ. އަދި އެމްޕީއެލްއިން މިހާރު މަސައްކަތްކުރަނީ ލިޓްފް އޮޕަރޭޝަންތައް ވީހާ ވެސް އަވަހަކަށް އަލުން ފެށުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ފްލެޓުތަކުގެ ހާލަތު ވަޒަންކޮށް، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.