ތޫނު ހަތިޔާރާ އެކު "ފަސްކުރި" މަސް ދޯންޏަށް އެރި މައްސަލައިގައި ހައްޔަރުކުރި އެންމެން ލ. ގަމު ކޯޓުން ދޫކޮށްލައިފި އެވެ.

ތޫނު އެއްޗިއްސާ އެކު މިދިޔަ އާދިއްތަ ދުވަހުގެ ރޭ މަސްދޯންޏަށް އެރި މައްސަލައިގައި ދެ ފަހަރެއްގެ މަތިން 16 ދިވެހިން ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެން ވެސް ކޯޓުން ދޫކޮށްލީ، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުންނެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފްކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏަށް ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެރީ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏަކަށް ގަވައިދުން ފައިސާ ނުދައްކާ ކަމަށް ބުނެ، އެ ދޯނި އަތުލުމަށެވެ.

ލ. ގަމު މީހަކު އެ ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށްވެ އެވެ. އެ ވާހަކަތައް ޖާބިރު ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެކަހަލަ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ. ދޯންޏަށް ބަޔަކު އަރައި ފަޅުވެރިންނަށް ބިރުދެއްކި ގޮތް ތަފްސީލުކޮށް ކިޔައިދީ، ފަޅުވެރިންގެ ފަރާތުން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. ވަޑިނޮޅު ކައިރީ އެންދަމަށް އޮއްވައި، ދަންވަރު ވަގުތުގައި ގިނަ ބަޔަކު ދޯންޏަށް އަރައި، ވަޅި އާއި ކަނޑި ފަދަ ތޫނު ހަތިޔާރުން ބިރުދައްކައި، ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް ހޫނު ފެން ވެސް ޖެހި ކަމަށް ފަޅުވެރިން ބުންޏެވެ.

އެ މީހުން ބުނާ ގޮތުން، ދޯންޏަށް މީހުން އެރިތާ މާ ގިނަ އިރެއްނުވެ، ފަޅުވެރިއަކު ފާހާނާއަށް ވަދެ އެކަން ފުލުހުންނަށް ރިޕޯޓު ކުރި އެވެ. އެކަމަކު ފުލުހުންގެ ފަރާތުން އެހީތެރިކަމެއް ނުލިބުނު ކަމަށް އެ މީހުން ތުހުމަތުކުރެ އެވެ.

ދޯނި ރަހީނުކޮށް، ލ. ގަމު ފަޅަށް ވެއްދީ އެރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު އެވެ. އެކަމަކު ރައްކާތެރި މާހައުލެއް ހޯދަން ފުލުހުންގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް ފަޅުވެރިން ބުންޏެވެ.

އެ ވާހަކަތަކަށް ރައްދުދީ ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ގާނޫނާއި ގަވައިދާ ހިލާފަށް ނުވަތަ މިފަދަ ކަންކަމުގައި ފުލުހުން އަމަލު ކުރާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާ ނަމަ، އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑަށް ނުވަތަ އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.