ހދ، ކުމުންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިއާ އަހުމަދު ހަމީދެވެ.
މި އެއްބަސްވުމުގެ ދަށުން ކުމުންދޫ ބަނދަރު ފުންކުރުމާއި ނެރު ފުން ކުރުމާއި ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި ރިވެޓުްމަންޓު ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ބަނދަރުގެ ނެވިގޭޝަން ލައިޓު ވެސް މި ޕްރޮޖެކްޓުގެ ދަށުން ހަރު ކުރާނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 35.6 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ.