އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ މެމްބަރުންގެ މައްސަލައެއް، އާ ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލަކު ވަނީ، ކުރީގެ މެމްބަރުންތަކެއްގެ މައްސަލައެއް ބަލަމުންދާ ކަން މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް ބަލަނީ ކޮން ބައެއްގެ މައްސަލައެއް ކަމެއް އަދި އެ މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ.
އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުންނަކީ ވެސް، މި ވެރިކަމުގައި އަލަށް އައްޔަން ކުރެއްވި ފަސް މެމްބަރުންނެވެ.
އެ ކޮމިޝަންގެ ކުރީގެ މެމްބަރުންގެ މައްސަލައެއް ބަލަން ފެށިއިރު، ފުލުހުން މިހާރު ވެސް އަންނަނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގުކުރަމުންނެވެ.
ލުތުފީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރަނީ ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން ހިންގި ކަމަށެވެ.