އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މަގާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވި ލިއުމުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަން ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް މި ހަފުތާގައި އަންގައިފި އެވެ.
ލުތުފީ މަގާމުން އިސްތިއުފާ ދެއްވީ، އެނގިފައިވާ ގޮތުގައި، އީމެއިލް މެދުވެރިކޮށެވެ. އެ ލިއުމުގައި ލުތުފީގެ ސޮޔެއް ނެތެވެ. އެހެންކަމުން އެއީ، އޭނާ ފޮނުއްވި ލިއުމެއް ކަން ކަށަވަރު ކުރެއްވޭނެ ގޮތެއް ނެތެވެ.
ލުތުފީގެ އިސްތިއުފާއާ ގުޅޭ ސިޓީއެއް ރައީސް އޮފީހުން ފޮނުވާފައިވާ ކަން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ކަށަވަރު ކޮށްދެއްވި އެވެ.
ލުތުފީގެ އިސްތިއުފާ ސިޓީއާ ގުޅޭ ގޮތުން "މިހާރު" އިން ގުޅިއިރު އޭނާގެ ފޯނަކަށް ނުގުޅެ އެވެ. ކުރިން ގެންގުޅުއްވި ނަމްބަރުން ވައިބާ އާއި ވަޓްސްއެޕް ވަނީ ޑީއެކްޓިވޭޓްކުރައްވައިފަ އެވެ.
މިނިވަން މުއައްސަސާތަކުގެ މެމްބަރުން އިސްތިއުފާ ހުށަހަޅުއްވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އިސްތިއުފާ ދެއްވި ކަމުގެ ލިއުން ރައީސަށް ލިބިވަޑައިގަތުމާ އެކު އެ މެމްބަރަކު އެ މަގާމުން ވަކިވީ އެވެ. އެކަމަކު ލުތުފީގެ މައްސަލަ ރައީސް އޮފީހުން މަޖިލީހަށް ފޮނުވީ އިސްތިއުފާގެ ލިއުމަކީ އޭނާ ފޮނުއްވި އެއްޗެއްކަން ކަށަވަރު ނުވުމުން ކަން އެނގިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ މެމްބަރުން ވިދާޅުވެފައި ވަނީ ލުތުފީގެ ހަބަރެއް އެ ކޮމިޝަނުގެ މެމްބަރަކަށް ނުވާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ އޭނާ "ފިއްލަވައިގެން" ހުންނަވައި މުސާރަ ނަންގަވަމުންދާ މައްސަލައިގަ އެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރަސްމީ ޗުއްޓީ ނެންގެވި ގޮތަށް ލުތުފީ އޭސީސީއާ ދުރުގައި ހުންނެވި އިރު އޭނާ އަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ލުތުފީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރަނީ ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން ހިންގި ކަމަށެވެ.
މީގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުން ދިފާއުކޮށްދޭން ގާނޫނާ ޚިލާފަށް ލުތުފީ އަމަލުކުރެއްވި ކަމަށް ތުހުމަތު ކުރެ އެވެ.