ރައީސް އޮފީހުގެ ޕްރެސްޓީމްގައި އެންމެ އިސްކޮށް ހުންނެވި، ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހަސަން މިރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިސްތިއުފާގެ ސިޓީ ފޮނުއްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ހަސަން "މިހާރު" އަށް ވިދާޅުވީ އޭނާ ރައީސް އޮފީހުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އަމިއްލަ މަސައްކަތުގައި އުޅުއްވަން ބޭނުންވާތީ އެ ކަންކަމަށް ވަގުތު ލިބިވަޑައިނުގަންނަވާތީ ކަމަށެވެ.
ހަސަން އިސްތިއުފާ ދެއްވިއިރު ދާދި ފަހުން ރައީސް އޮފީހުގެ ޕްރެސް ޓީމްގެ މަގާމްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މިހާރު އެ ޓީމުގެ އެންމެ އިސްކޮށް ހުންނެވީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހިމް ހޫދެވެ.