"ދި އެޑިޝަން"ގެ އެޑިޓަރު ރާއީ މުނައްވަރަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ފުލުހަށް ހުށަހެޅި މައްސަލައިގައި، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލް، ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ރާއީ ނެންގެވި މައްސަލައިގައި، ހަސަން ފުލުހަށް ހާޒިރު މިކުރީ، ޖިންސީ ގޯނާގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މަގާމުން ދުރުކުރުމުން، އަލުން އެފަދަ މައްސަލަތަކުގެ ޝަކުވާތައް އާންމުންގެ ތެރޭގައި ގިނަވެފައި އޮތް ދަނޑިވަޅެއްގަ އެވެ.
އެކަމަކު ފުލުސް އޮފީހަށް ހަސަން ހާޒިރުކުރި ކަމަށް ފުލުހުން ޔަގީންކޮށް ދިނަސް، އެއީ ކޮން މައްސަލައެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ. އެކަމުގައި ހަސަން ވެސް އެއްވެސް ވާހަކައެއް މިހާތަނަށް ދައްކަވާފައެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަަކު ހަމައެކަނި ވިދާޅުވީ "ފުލުހުންގެ އިދާރާއަށް ހަސަން ހާޒިރުކުރީ ތަހުގީގު ކުރަމުން ދާ މައްސަލައަކާ ގުޅިގެން" ކަމަށެވެ.
ޖުލައި 8 ގައި ރާއީ ވަނީ، ހަސަންގެ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައަށް ވީ ގޮތް ނޭނގޭތީ ޝަކުވާ ކުރައްވައިފަ އެވެ. ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ ދަރިކަނބަލުން ވިދާޅުވި ގޮތުގައި، ހަސަން އޭނާ އަށް ޖިންސީ ފުރައްސާރަކުރެއްވި މައްސަލަ، ޝަކުވާއެއްގެ ގޮތުގައި ރައީސް އޮފީހަށް ހުށައެޅުއްވީ ފެބްރުއަރީ 4، 2020 ގަ އެވެ. އަދި ހަމަ އެ މައްސަލަ ފުލުހުންނާއި އޭސީސީ އަށް ވެސް ހުށައެޅުއްވި ކަމަށް އޭނާގެ ޓްވީޓްގައި ލިއުއްވި އެވެ.
"މިއަދާ ހަމައަށް އަދިވެސް ފިޔަވަޅެއް ނާޅަ އެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެގްކުރައްވައި، އެކަމަށް ހުރަސް އަޅަނީ ކޮން ކަމެއްތޯ ސުވާލުކުރައްވަމުން، ރާއީ ލިއުއްވި އެވެ.
އެ ކަންބޮޑުވުން ފާޅުކުރެއްވުމުން އެ ޓްވީޓަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވި ޖަވާބުގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި އުޅޭ ފުލުހުންގެ ޓީމާ އޭނާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
"ތަހުގީގު އަވަސްކޮށްދޭން އަޅުގަނޑު ވާނީ އިރުޝާދު ދީފަ އެވެ،" ހަމީދު ވިދާޅުވި އެވެ.