އަސާސީ ހެކިވެރިއެއްގެ ގޮތުގައި ކޯޓުން ބަލައިގެންފައިވާ މީހަކު އެ މައްސަލައަކާ ގުޅުން ހުރި ވާހަކަތަކެއް ކޯޓުން ބޭރުގައި ދައްކައި ރައްދު ދިނުމަކީ އިންސާފަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ހުސެއިން ފާއިޒް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހެކިވެރިއެއްގެ ގޮތުން ދައުލަތުން ހުށަހެޅި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ޝަރީއަތުގައި ހެކި ބަސް ދެއްވަން އުޒުރުވެރިވެވަޑައިގެންފައި ވަނިކޮށެވެ.
ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ލުތުފީ ޝަރީއަތުގައި ހެކި ބަސް ދެއްވަން ދެކޮޅު ހެއްދެވީ ޔާމީންގެ މައްޗަށް ކުރިއަށް ގެންދަނީ އަދުލުވެރި ޝަރީއަތެއް ނޫން ކަމަށް ދޭހަވާ މޭރަމަކުން ވާހަކަ ދެއްކެވުމަށް ފަހު އެވެ.
ފާއިޒް ވިދާޅުވީ ހިނގަމުންދާ ޝަރީއަތެއްގައި އިންސާފު ގާއިމްކުރަން ފޯރުކޮށްދެވިދާނެ މުހިއްމު މައުލޫމާތުތަކެއް ދެނެހުރި މީހަކު، ޝަރީއަތުން ބޭރުގައި މައްސަލައަކާ ގުޅޭ މައުލޫމާތު އާއްމު ކުރުމަކީ މައްސަލަ އަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި އަމުދުން އެ މީހަކީ މައްސަލައިގައި ޝަފަހީ ހެއްކެއް ކަމުގައި ވާ ނަމަ، އެ މީހަކާ މެދު އެ ކޯޓަކުން އެޅިދާނެ ފިޔަވަޅުތައް ހުންނަ ކަން ފާއިޒް ފާހަގަކުރައްވާފައިވެ އެވެ.
"ދެ ހެކިވެރިންގެ ތެރެއިން، ޝަރީއަތަށް ހެކިބަސްދީފައިވާ ހެކިވެރިޔާގެ ހެކިބަހަށް އަނެއް ހެކިވެރިޔާ ކޯޓުން ބޭރުގައި ރައްދު ދިނުމަކީ ހިނގަމުންދާ ޝަރީއަތަށް ނުރަނގަޅު ނުފޫޒު ފޯރާނެ ކަމެކެވެ،" ފާއިޒް، ފޭސްބުކްގައި ލިއުއްވާފައިވެ އެވެ.
"ހެކިބަސް ދީފައިވާ ފަރާތް ކްރޮސް އެގްޒެމިންކޮށް އަދި ރީ އެގްޒަމިންކޮށް ނުނިމެނީސް އަދި ހެކިވެރިޔާގެ ހެކިބަހުގެ މައްޗަށް ދިފާއީ ވަކީލުން. ތޮއުނު ނުކުރަނީސް ކޯޓުން ނަވަތަ ޝަރީއަތުން ބޭރުގައި އެ ހެކިވެރިޔާގެ ބަސް ދޮގުކުރަން އަނެއް ހެކިވެރިޔާ މަސައްކަތް ކުރުމަކީ އިންސާފަށް ހުރަސް އެޅުން ފަދަ ކަމެކެވެ."
ފާއިޒް ވިދާޅުވި ގޮތުގައި ވަކި ބާވަތެއްގެ ޖިނާއީ ތަހުގީގުކުރާ، އޭސީސީ ފަދަ މުއައްސަސާއަކުން ހޯދާ މައުލޫމާތުތަކަކީ އެ މައްސަލައަކާ ގުޅިގެން ޝަރީއަތަށް ބޭނުންވާނެ މުހިއްމު މައުލޫމާތަކަށް ވެދާނެ އެވެ. އެއީ ބޭނުން ވެއްޖެ ހިނދެއްގައި ނުދީ ހިފެހެއްޓޭ ޒާތުގެ ފިކުރީ މުދަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭސީސީ ފަދަ ތަހުގީގީ އިދާރާ އަކަށް ލިބިފައިވާ މައްސަލައަކާ ގުޅުން ހުރި ޝަފަހީ މައުލޫމާތަކީ އެ ތަނުގެ އިސްވެރިންނަށް ނޫނީ އެނގިވަޑައިނުގަންނަވާނެ މައުލޫމާތަކަށް ވާ ނަމަ، އެ މައުލޫމާތެއް ޝަރީިއަތަށް ދޭން ޖެހޭނެ އެވެ.
"އިސް މަގާމުގައި ހުރުމުގެ ސަބަބުން، މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ މައުލޫމާތު ޝަރީއަތަށް ބޭނުންވެއްޖެ ހިނދެއްގައި ނުދީ ހިފެހެއްޓުމަކީ އިންސާފު ގާއިމްކުރުމަށް އެޅޭ ހުރަހެކެވެ."
ލުތުފީ އޭނާގެ ފޭސްބުކްގައި އިއްޔެ ލިއުއްވާފައިވާ ގޮތުގައި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާ އެކު ޔާމީނާ ބައްދަލު ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ވަކިން ވެސް ޔާމީނާ ބައްދަލު ކުރައްވާފައި ނުވާ އިރު ފޯނު ކުރައްވާފައި ވެސް އެ ފައިސާއާ ހަވާލުކުރުމާ ގުޅޭ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ މިގޮތަށް މި ވިދާޅުވީ ޔާމީނަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ހެކިބަސް ދެއްވަމުން، ލުތުފީއާ އެކު ރައީސް އޮފީހަށް ވަޑައިގެން އެ ފައިސާ ދައުލަތަށް ހަވާލުކުރަން ޔާމީނަށް އަންގާފައިވާ ކަމަށް މުއައްވިޒް ވިދާޅުވެފައި ވަނިކޮށެވެ. އެއް މިލިއަން ޑޮލަރު ދައުލަތަށް ހަވާލުކުރުމާ ގުޅޭ ގޮތުން ވާހަކަ ނުދައްކަވާ ކަމަށް ލުތުފީ ވިދާޅުވި އިރު، އެ ފައިސާ ޖަމާވި ކަން އެނގިވަޑައިގަތީ ލުތުފީ ފޯނު ކުރައްވައި ވިދާޅުވުމުން ކަމަށް ޔާމީން ވަނީ ޝަރީއަތުގެ އަޑުއެހުމެއްގައި ވިދާޅުވެފަ އެވެ.