އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މަގާމުން އިސްތިއުފާ ދެއްވަން ފޮނުއްވި ސިޓީގެ ސައްހަކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް އަލުން ސިޓީ ފޮނުއްވުމުން އޭނާ މަގާމުން ވަކިވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ލުތުފީ ސޮއިކުރައްވާފައި އޮތް ސިޓީއެއް މިހާރު ލިބިފައިވާ ކަމަށެވެ. އެހެންވެ ލުތުފީ މަގާމުން ވަކިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ގާނޫނުގައި އޮންނަ ގޮތުން، މިނިވަން މުއައްސަސާތަކުގެ މެމްބަރުން އިސްތިއުފާ ހުށަހަޅުއްވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އިސްތިއުފާ ދެއްވި ކަމުގެ ލިޔުން ރައީސަށް ލިބިވަޑައިގަތުމާ އެކު އެ މެމްބަރަކު އެ މަގާމުން ވަކިވީ އެވެ.

ލުތުފީ ކުރިން އިސްތިއުފާ ހުށަހެޅުއްވީ ރައީސް އޮފީހަށް ފޮނުއްވި އީމެއިލަކުންނެވެ. އޭގައި އޭނާ ސޮއި ކުރައްވާފައެއް ނެތެވެ. އެހެންކަމުން އެއީ އޮންނަ އުސޫލާ ޚިލާފަށް ހުށަހެޅުއްވި އިސްތިއުފާއެއް ކަން ރައީސް އޮފީހުން ވަނީ މަޖިލީހަށް އަންގައިފަ އެވެ.

ލުތުފީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައި އެކަން ތަޅުމަށް ފޮނުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު ލުތުފީ އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގައި ދެން އެކަން ކުރިއަކަށް ނުގެންދާނެ އެވެ.

ނުފޫޒެއްގެ ދަށުވެ މަގާމުގެ ޒިންމާ އަދާކުރެއްވި ގޮތުން ގިނަ ބައެއްގެ އިތުބާރު ގެއްލިފައިވާ ލުތުފީ ވަކިކުރަން ކޮމިޓީން ނިންމީ އޭސީސީ އަށް ފިއްލަވައިގެން ހުންނަވައި މުސާރަ ނަންގަވަމުންދާ މައްސަލައިގަ އެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރަސްމީ ޗުއްޓީ ނެންގެވި ގޮތަށް ލުތުފީ އޭސީސީއާ ދުރުގައި ހުންނެވި އިރު އޭނާ އަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ލުތުފީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރަނީ ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން ހިންގި ކަމަށެވެ.

މީގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުން ދިފާއުކޮށްދޭން ގާނޫނާ ޚިލާފަށް ލުތުފީ އަމަލުކުރެއްވި ކަމަށް ތުހުމަތު ކުރެ އެވެ.