އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
ލުތުފީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާ ކަން ރައީސް އޮފީހުން ކަށަވަރުކޮށްދިނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ލުތުފީ މަގާމުން އިސްތިއުފާ ދެއްވައި ސިޓީއެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ލުތުފީ މަގާމުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ނިންމީ ވަޒީފާ އަށް ނުނިކުންނަވައި މުސާރަ ނަންގަވަމުންދާ މައްސަލައިގަ އެވެ. އޭނާ ވަޒީފާ އަށް ނުނިކުންނަވާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރަސްމީ ޗުއްޓީ ނެންގެވި ގޮތަށް ލުތުފީ އޭސީސީއާ ދުރުގައި ހުންނެވި އިރު އޭނާ އަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ލުތުފީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރަނީ ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން ހިންގި ކަމަށެވެ.
ލުތުފީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުން ދިފާއުކޮށްދޭން ގާނޫނާ ޚިލާފަށް ލުތުފީ އަމަލުކުރެއްވި ކަމަށް ތުހުމަތު ކުރެ އެވެ.