ދެން ފަހަރަކުން ތިމާ ކާން އިންނަ ތަށިން އެތިކޮޅެއް ނަގައިގެން ދައްތަ ކާލިޔަސް އަޅާނުލާށެވެ. ހިތްހަމަނުޖެހޭ ކަމެއް ކުރިޔަސް ލަދުގަންނަވާލިޔަސް އޭނާ ދެކެ ރުޅި އައުމުގެ ބަދަލުގައި ޝުކުރު އަދާކުރާށެވެ.

އިނގިރޭސި ވިލާތުގެ ސައިންސްވެރިންގެ ހޯދުމަކުން ހާމަވީ ގޮތުގައި ދައްތައިންގެ ގުޅުމަކީ މީހާއަށް އުފާވެރިކަން ލިބޭ އަދި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ބާރެކެވެ.

މި ހޯދުމުގައި އުމުރުން 17 އަހަރާއި 25 އަހަރާ ދެމެދުގެ 571 ކުދިންނާ ސުވާލުކުރި އެވެ. މި މީހުން ދިން ޖަވާބުތަކުން އެނގުނު ގޮތުގައި ދައްތައިންނާ އެކު ދިރިއުޅޭ ކުދިންގެ ދިރިއުޅުން މާ އުފާވެރި އެވެ.

ނަފްސާނީ ގޮތުން ކުރެވޭ ތަޖުރިބާތަކާ ގުޅޭ ސުވާލުތަކަށް ދިރާސާގެ ބައިވެރިންނަށް ޖަވާބު ދޭން ޖެހުނެވެ. މި ސުވާލުތަކުގެ ތެރޭގައި އެމީހާގެ ނަފްސާނީ ސިއްހަތާއި ދިރިއުޅުމާ މެދު ދެކޭ ޕޮޒިޓިވް ގޮތްތަކާ ބެހޭ ސުވާލުތައް ހިމެނުނެވެ.

ގިނަ އާއިލާތަކުގައި ތިބޭ ދައްތައިން އެމީހުންގެ ކޮއްކޮއިންނަށް ދިމާވާ މައްސަލަތައް އެނގެން ބޭނުންވެ އެވެ. އދި ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް ހިތްވަރުދެ އެވެ. އަދި ގޭގައި އުޅޭއިރު އެންމެ ގާތް ގުޅުމެއް ބާއްވަނީ ވެސް ދައްތައިންނާ ކަމަށް ވާތީ ހުރިހާ ކަމެއް ދައްތައަށް އޮންނަނީ އެނގިފަ އެވެ. އެހެންކަމުން ދައްތައަށް ކުދިންގެ އިހްސާސްތައް އެނގި އެކުދިންގެ ކަންކަމާ ބެހޭ ގޮތުން ލަފާ ދީ ހަދާތީ ކުދިންގެ ނަފްސާނީ ސިއްހަތަށް އޭގެ ރަނގަޅު އަސަރުކުރާ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.

ދިރާސާގައި މަސައްކަތް ކުރެއްވި ޕްރޮފެސަރު ޓޯނީ ކެސިޑީ ވިދާޅުވީ ދައްތައިންނާ ވާހަކަ ދައްކާ މަޝްވަރާކުރަން ކޮއްކޮއިންނަށް މާ ފަސޭހަ ކަމަށެވެ. ބޭބެމެންގެ ފަރާތުން ފެންނަނީ އެއާ ދިމާ އިދިކޮޅު އަސަރުތަކެއް ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވި އެވެ.

އެހެން ދިމާވާ ސަބަބުތަކެއް އެބަ ހުއްޓެވެ. އެގޮތުން ފިރިހެން ކުދިންނަކީ ކަންކަމާ އެހާ ބޮޑަށް އަޅާލާ އަދި މަޝްވަރާކުރާ ބަޔަކަށް ނުވެ އެވެ. އެހެންކަމުން އާއިލާގައި ތިބޭ އަންހެން ކޮއްކޮއިންނަށް ދިމާވާ މައްސަލަތަކާއި އިހްސާސްތައް ދެނެގަންނަން ބޭބެމެންނަކަށް ނުވިސްނެ އެވެ.

ގިނަ ފިރިހެންކުދިން އެކުގައި އުޅުނަސް އެކަކު އަނެކަކުގެ ވާހަކަތައް ކިޔައިދީ ނުހަދަ އެވެ. އޭގެ ބަދަލުގައި އަންހެންކުދިން އެކުގައި އުޅޭ ނަމަ އެކަކު އަނެކެއްގެ ހުރިހާ ވާހަކައެއް ކަހަލަ ގޮތަކަށް ކިޔައިދީ މަޝްވަރާކުރެ އެވެ.

ކެސިޑީ ވިދާޅުވި ގޮތުގައި މަންމަ އާއި ބައްޕަ ވަކިވެފައިވާ އާއިލާތަކުގެ ކުދިންނަށް ދައްތައިންގެ މުހިއްމުކަން މާ ބޮޑުކަން ފާހަގަވެ އެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ހޯދުމަކީ އާއިލާތަކަށް ލިބޭނެ އެހީއެކެވެ.

އާއިލާގައި ފިރިހެންކުދިން ގިނަ ނަމަ އެފަދަ އާއިލާތަކުގައި ކަންކަން ބަހައްޓާނެ ގޮތާ މެދު މާ ބޮޑަށް ވިސްނަން ޖެހޭނެ ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވި އެވެ.

ކުރީގެ ދިރާސާއަކުން ދެއްކި ގޮތުގައި އާއިލާގައި ދޮއްޓަށް އަންހެން ކުދިން ތިބޭ ނަމަ އެ އާއިލާއެއްގެ ކުދިންނަކީ، ގިނަ ފަހަރަށް، ހިތްހެޔޮ ބަޔަކަށް ވެއެވެ.