ކެނެޑާ މީހަކު 27 މީހުންނާ ކައިވެނިކޮށް 150 ދަރިން ތިބި ކަމަށް ބުނެ އެ އާއިލާގެ ކުދިންތަކެއް އެ ވާހަކަ ޓިކްޓޮކްގައި ކިޔައިދިނުމުން އާންމުންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
ބްރިޓިޝް ކޮލަމްބިއާގެ ބައުންޓިފުލް އަށް ނިސްބަތްވާ މި ބޮޑު އާއިލާގެ ވާހަކަ ވިންސްޓަން ބްލެކްމޯ، 64، ގެ ދަރިންގެ ތެރެއިން މާލިން، 19، ޓިކްޓޮކްގައި ހިއްސާކުރީ "މީ އެންޑް މައި ސިބްލިންސް ފްރޮމް 27 މަމްސް އެންޑް 1 ޑޭޑް" ގެ ނަމުގަ އެވެ.
އޭނާ ކިޔައިދިން ގޮތުގައި ބައްޕަގެ ގިނަ އަދަދެއްގެ އަނބިންނާއި ދަރިން ތިބި ނަމަވެސް އެންމެންގެ މެދުގައި ވެސް ގުޅުން އޮވެ އެވެ. އެކަމަކު ދިރިއުޅެނީ އެކި ގެތަކުގަ އެވެ. އާއިލާގެ ހުރިހާ މެމްބަރުންގެ އުފަން ދުވަސް ފަދަ ހާއްސަ ދުވަސްތައް ފާހަގަކުރަނީ އެކީގަ އެވެ.
މި ވަގުތު އެމެރިކާގައި ހުރި މާލިން ބުނި ،ގޮތުގައި އޭނާގެ ބޮޑު އާއިލާގެ ވާހަކަ އަބަދު ވެސް ކިޔައިދޭން ބޭނުންވެ އެވެ. އެކަމަކު އެ ވަގުތު ނުޖެހޭތީ މިހާތަނަށް މަޑުކޮށްލައިގެން ހުރީ ކަމަށް ބުންޏެވެ.
"މިހާރު އަހަރެން މިހުރީ އާއިލާގެ ވާހަކަ ކިޔައިދެވޭ ހާލަތެއްގައި" މާލިން ބުންޏެވެ.
ބައްޕަގެ އާދަޔާހިލާފު އާއިލާގެ ވާހަކަ މާލިންއާ އެކު، އޭނާއާ އެކު އޭނާއާ އެއްބަނޑު އެއްބަފާ މުރޭ، 19، އާއި ވޮރެން، 21، ވެސް ކިޔައި ދީފައިވެ އެވެ. އެ މީހުން ބުނިގޮތުގައި ބައްޕަގެ 27 އަނބިންގެ ތެރެއިން ދަރިން ތިބީ 22 އަނބިންގެ އެވެ.
ވިންސްޓަންގެ ދަރިން ކިޔައިދީފައިވާ ގޮތުގައި ބައްޕަ އެ މީހުން ތަރުބިއްޔަތުކޮށްފައި ވަނީ އުފަން މަންމަ އަށް "މަމް" އަދި ބައްޕަގެ އެހެން އަނބިންނަށް "މަދާ" ކިޔަން ޓްރޭނިން ދީފަ އެވެ. އަދި އާއިލާގައި ކުދިން ގިނަކަމުން އެ ކުދިން ކިޔަވަނީ އާއިލާ އަށް ހާއްސަ ސްކޫލެއްގަ އެވެ. އަދި ފުރާވަރަށް އަރާ ކުދިން އާއިލާގެ ގާތުގައި ބޭތިއްބުމުގެ ބަދަލުގައި ބައިތިއްބަނީ "މޯޓެލް" ގަ އެވެ.
މާލިން ކިޔައިދިން ގޮތުގައި 2017 އިން ފެށިގެން އޭނައާ ބައްޕައާ މާ ބޮޑު ގުޅުމެއް ނޯވެ އެވެ. އަދި ބައްޕަ ގިނަ އަނބިން ގެންގުޅުމަކީ އެ މީހުން މާ ރުހޭ ކަމަކަށް ވެސް ނުވެ އެވެ. އެކަމަކު އެއްބަފާ ހުރިހާ ކުދިންގެ މެދުގައި ވެސް ގުޅުން އޮންނަ ކަމަށާއި އެ ގުޅުން އަބަދު ވެސް އެގޮތުގައި އޮންނާނެ ކަމަށް މާލިން ބުންޏެވެ.