ހަކުރު ބައްޔަށް ޓެސްޓު ކުރުމަށް ސްކްރީނިންގެ ބޮޑު ޕްރޮގްރާމެއް ފަށައިފި އެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެއް ވަނީ މިދިޔަ ހުކުރު ދުވަހު ހއ. ދިއްދުއަށް ގޮސްފަ އެވެ.
އައުޓްރީޗް ޕްރޮގްރާމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އައިޖީއެމްއެޗްގެ އެންޑޮކްރިނޮލޮޖިސްޓް ޑރ. މަރިޔަމް ނިޔާޒު "މިހާރު" އަށް ވިދާޅުވީ ތިން ދުވަހުގެ ދަތުރުގައި ސްކޫލު ކުދިންނާއި ސިއްހީ ދާއިރާގެ މުވައްޒަފުން އަދި އާއްމުންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ގެންދާނެ ކަމަށެވެ.
އެ މައުލޫމާތުގެ އިތުރުން، ބައްޔަށް މީހުން ސްކްރީން ކޮށް، ކެއުމުގެ ވައްޓަފާޅި ބަހައްޓާނެ ގޮތް ކިޔައިދިނުމުގެ ހަރަކާތްތަކެއް ވެސް ގެންދާނެ ކަމަށް ޑރ. މަރިޔަމް ވިދާޅުވި އެވެ.
އޭގެ އިތުރުން އެ އަތޮޅުގެ ހުރިހާ ހެލްތު ވޯކަރުންނަށް، ހަކުރު ބައްޔާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބޮޑު ބައްދަލުވުމެއް ގެންދާނެ އެވެ.
އައިޖީއެމްއެޗުން ވަނީ، އެ ހޮސްޕިޓަލުގައި ވެސް ހަކުރު ބައްޔަށް ސްކްރީނިންގެ ހަރަކާތެއް ހިންގަން ނިންމައިފަ އެވެ. ސްކްރީނިން އޮންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯގައި މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނީ އާބާދީގެ 14 ޕަސެންޓް މީހުންގެ ގައިގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ ގިނައިން ހުންނަ ކަމަށެވެ.