ހަކުރު ބައްޔާ ގުޅޭ ގިނަ ހިދުމަތްތައް އެއްތަނަކުން ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަން "ނެެޝަނަލް ޑައިބެޓީސް ސެންޓަރު" ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ބުރީގައި ހުޅުވި މި ސެންޓަރުން ހަކުރު ބައްޔާ ގުޅޭ ހުރިހާ ހިދުމަތެއް ފަސޭހައިން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި ހަކުރު ބައްޔަށް ފަރުވާ ދޭން ބޭނުންވާ ތަފާތު ޓެސްޓު ހެދުން ހިމެނެ އެވެ. އަދި ހަކުރު ބަލި ޖެހިފައިވާ މީހުން ކެއުން ބަހައްޓާނެ ގޮތާ މެދު ޑައެޓީޝަނުންގެ ލަފާ ވެސް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ފޮލޯ-އަޕްގެ ކަންތައްތައް ވެސް ފަސޭހައިން އެ ސެންޓަރުން ހަމަޖައްސައިދޭނެ އެވެ. އަދި ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސް ކައިރިވާން ފެށުމުން އެކަން ހަނދާންކޮށްދިނުމުގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ތައާރަފްކުރާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މީގެ އިތުރުން ޓެލެ-މެޑިސިންގެ ހިދުމަތް ތައާރަފްކޮށް އަތޮޅުތަކުގައި އުޅޭ މީހުންނަށް ވެސް ހަކުރުބައްޔާ ގުޅޭ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަން ނިންމާފައި ވެ އެވެ. ބައްޔަށް ސްކްރީން ކުރުމާއި ހަކުރު ބައްޔާ ގުޅޭ ތަމްރީން އަދި ބަލި ދިރާސާކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުންން ބުންޏެވެެ.

މި ސެންޓަރުގެ ހިދުމަތް އެހެން ރަށްރަށުން ވެސް ލިބޭނެ ގޮތް ހަމަޖައްސަން އެއް ވިއުގަ އަކުން ވަރަށް ކައިރި މުސްތަގްބަލެއްގައި ގުޅާލާނެ އެވެ.

ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުން ރާއްޖޭގައި ގިނަ ވުމުން މި ބަލީގެ މީހުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.