ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ދިރިއުޅޭނެ ރަނގަޅު މާހައުލެއް ގާއިމުކުރުމުގެ ގޮތުން ގުޅިފަޅުގައި ލޭބަ ޕާކެއް ހަދައި، އެތަން ހިންގާނެ ބަޔަކު ހޯދަން ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އިން އިއުލާންކޮށްފި އެވެ. ލޭބަ ޕާކުގައި ހަދަން ޖެހޭ ތަންތަނުގެ ގޮތުގައި ޖީއަައިއެލް އިން ކަނޑައަޅާފައި ވަނީ މުވައްޒަފުން އުޅޭނެ އިމާރާތާއި ކައްކާ ތަނަކާއި މެސް ރޫމަކާއި މުނިފޫހިފިލުވަން ހާއްސަ ތަނެކެވެ.
ޕާކް ހިންގަން ޖެހޭނީ ޖީއައިއެލްއިން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. ލޭބަ ޕާކް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ޖެހެނީ ސެޕްޓެމްބަރު 22 ކުރިންނެވެ.
ގުޅިފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2010 ވަނަ އަހަރު އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޑިވެލޮޕްމަންޓް ފަންޑް (ޖީޑީޕީ) އާ ހަވާލުކޮށްގެން ހިއްކި ރަށެކެވެ. އެ ފަޅު ހިއްކުމަށް ފަހު ނަޝީދު ވަނީ މީހުން ދިރިއުޅޭ ތަނަކަށް އެ ރަށް ހަމަޖައްސައި ފްލެޓު ވެސް އަޅައިފަ އެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ ޖީޑީޕީގެ އަތުން އެ ރަށް އަތުލައި، ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ގުޅިފަޅު އިންވެސްޓްމަންޓާ ހަވާލުކޮށްފަ އެވެ.
އެންމެ ފަހުން ސަރުކާރުން ނިންމީ ގުޅިފަޅުން ފްލެޓު ގަތް މީހުންނަށް ހުޅުމާލެއިން ފްލެޓު ދޭށެވެ.