ތިލަފުށި ކޯޕަރޭޝަން (ޓީސީއެލް) އާއި ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އެއްކޮށްލައިގެން އާ ކުންފުންޏެއް މިއަދު އުފައްދައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދެ ކުންފުނިން ކުރަމުން ގެންދިޔަ މަސައްކަތް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމަށް އުފެއްދީ "ގްރޭޓަ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" ކިޔާ ކުންފުންޏެއް ކަމަށެވެ.

ރައީސްގެ ގަރާރަކުން އުފެއްދި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އުފެއްދި ނަމަވެސް އެ ކުންފުނީގެ ބޯޑު މެމްބަރުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

ތިލަފުށި ކޯޕަރޭޝަނަކީ ކުނި އަޅައިގެން ކުރިން ހިއްކި ތިލަފުށި ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދެވި ކުންފުންޏެކެވެ. އަދި ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑަކީ ތިލަފުއްޓާއި ވިލިމާލެއާ ދެމެދު އޮތް ގުޅިފަޅު ހިއްކައިގެން ތަރައްގީކުރަން ރައީސް ނަޝީދުގެ ސަރުކާރުގައި އުފެއްދެވި ކުންފުންޏެކެވެ.