ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ އިސްވެރިއަކަށް، އެ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް ތޯހާ ސަލީމް އަނެއްކާ ވެސް ހަމަޖައްސައިފި އެވެ.

އެ ސްކޫލުން ބެލެނިވެރިންނަށް އިއްޔެ ފޮނުވި އީމެއިލެއްގައި ބުނީ އިންތިގާލީ ލީޑަޝިޕަކަށް ފަހު، ޣިޔާސުއްދީންގެ ޕްރިންސިޕަލްގެ މަގާމާ އަންނަ އާދިއްތަ ދުވަހުން ފެށިގެން ތޯހާ އަނެއްކާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

ތައުލީމީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށް ފަހު، ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ސްކޫލުން ތޯހާ ވަކިވެވަޑައިގަތީ 2019 ވަނަ އަހަރު އެވެ. އެހެންވެ، އެ މަގާމަށް އޭރު ހަމަޖެއްސެވީ ފޭދޫ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި އަލީ މުސްތަފާ އެވެ. ނަމަވެސް، މުސްތަފާ ވެސް ވަނީ ހަތަރު އަހަރުގެ ހިދުމަތަށް ފަހު މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ތޯހާ މިއަދު "މިހާރު" އަށް ވިދާޅުވީ، ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ވަކިވެވަޑައިގަތސް އެ ސްކޫލާ އެއްކޮށް ދުރަށް ވަޑައިނުގެންނެވުނު ކަމަށެވެ. ސްކޫލުގެ ބޯޑަށާއި އެކި ކަންކަމުގައި އެހީތެރިކަން ދެއްވަމުން ގެންދެވި އެވެ.

"ދުރުގައި ހުރީމަ ފެނުނު ސްކޫލުގައި ރަނގަޅުކުރަން ޖެހޭ ކަންކަން ވެސް. ސެލްފް ރިފްލެކްޝަނަށް ރަނގަޅު ބްރޭކެއް މި ނެގުނީ،" ޕްރިންސިޕަލް ކަމުން ވަކިވެވަޑައިގެން، އަމިއްލަ އެކި މަސައްކަތްތަކުގައި އުޅުއްވި ތޯހާ ވިދާޅުވި އެވެ.

ސްކޫލުން ބެލެނިވެރިންނަށް ފޮނުވި އީމެއިލްގައި ބުނީ މީގެ ކުރީ ދައުރުގައި ވެސް ތޯހާ އާދަޔާ ހިލާފު ލީޑަޝިޕެއް ދައްކަވައި، މަސައްކަތް ކުރާނެ ރަނގަޅު ފަހި މާހައުލެއް އުފައްދާފައިވާ ކަމަށެވެ. ސްކޫލުގައި ގާއިމްކޮށްފައިވާ ހަރުދަނާ ބިންގަލުގެ މަތީގައި ތޯހާ މި ފަހަރު ވެސް ކާމިޔާބީގެ އާ އުސްމިންތަކަކަށް މަގުދައްކަވައިދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ޣިޔާސުއްދީނުން ބުންޏެވެ.

އޭނާ އޭރު ވިދާޅުވީ ޣިޔާސުއްދީންގެ ޕްރިންސިޕަލްކަން ވެސް 10 އަހަރު ކުރެއްވުމަށް ފަހު އެ ސްކޫލުން ވަކިވެވަޑައިގަންނަވަނީ އެހެން ބަޔަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.

އީޕީއެސްއެސް އިން ޖީސީއީ އޯ ލެވެލް ހެއްދެވުމަށް ފަހު ތޯހާ ތައުލީމީ ދާއިރާއަށް އެންމެ ފުރަތަމަ ވަދެވަޑައިގަތީ، އުފަން ރަށް، ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ގޮތުގަ އެވެ. އެ ސްކޫލުގައި ތިން އަހަރު މަސައްކަތްކުރެއްވުމަށް ފަހު ދެން ވަޑައިގަތީ އިންޑިޔާއަށް ސްކޫލު މެނޭޖްމަންޓުން ޑިޕްލޮމާ ހާސިލްކުރެއްވުމަށެވެ. އޭނާ ވަނީ ޓީޗިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އަދި މެލޭޝިޔާއިން އެޑިއުކޭޝަނަލް މެނޭޖްމަންޓް އިން މާސްޓާސްގެ އިތުރުން ސިންގަޕޫރުން ޑިޕާޓްމެންޓަލް މެނޭޖްމަންޓްގެ ދާއިރާ އިން ޑިޕްލޮމާ ވެސް ހާސިލްކުރައްވައިފަ އެވެ.