ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުންނަށް މާލެ އާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެ ސްކޫލުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނުގައި ވަނީ ދަތުރުތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފަހު، މި މަހުގެ 31 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު ދީފަ އެވެ.

މާލެ ސަރަހައްދުގައި ކިޔަވާ ދަރިވަރުން އުފުލުމަށް އެއްވެސް ސްކޫލަކުން މި ވަގުތު ބަހެއް ނުގެން ގުޅެ އެވެ.

ޣިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވީ ހުޅުމާލޭގައި ޣިޔާސުއްދީންގެ 34 މުވައްޒަފުންނާއި 80 އަށް ވުރެ ގިނަ ދަރިވަރުން އުޅޭ ކަމަށެވެ. އޭގެ ތެރެއިން އެއް ބަޔަކު ސްކޫލަށް ދަތުރުކުރަނީ އެމްޓީސީސީގެ ބަހުގަ އެވެ. ބާކީ ތިބި ދަރިވަރުންނާއި މުވައްޒަފުން ދަނީ ސައިކަލުގައި، ހެލްމެޓު އަޅައިގެންނެވެ.

"ސްކޫލާ އެންމެ ކައިރި ބަސް ސްޓޮޕަށް މަޑުކޮށްގެން ވެސް ވަގުތު ކޮޅެއް އެބަ ހޭދަވާ ހިނގާފައި ސްކޫލަށް އަންނަން. އެ ހުރިހާ ކަމަކަށް ބަލާފައި، މި ފަހުން ސްކޫލްގެ މެނޭޖްމަންޓުން ރާއްޖެ ވަޑައިގެންނެވި ކުރެއްވި މަޝްވަރާތަކުގައި ނިންމެވީ ދަރިވަރުންނާއި މުވައްޒަފުންނަށް ހާއްސަ ބަހެއް ހަމަޖެއްސުމަށް،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޣިޔާސުއްދީން ސްކޫލްގެ ބަސް ދަތުރުތައް ފެށުމުން ދަރިވަރުންނާއި މުވައްޒަފުންނާ ދިރިއުޅޭ ގެއާ ހިސާބަށް ބަހުުގައި ގެންގޮސްދޭނެ ކަމަށެވެ.

އަމިއްލައަށް ކުރެއްވި ތަޖުރިބާގައި މުސްތަފާ ވިދާޅުވި ގޮތުގައި ސައިކަލުގައި ހެލްމެޓު އަޅައިގެން ވެސް ތާރު މަގުތަކުގައި ގިނަ ދަތުރުތައް ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އުފަން ރަށް، އައްޑޫގައި ހިނގި އެކްސިޑެންޓުތަކުގައި މުސްތަފާއާއެކު އޭރު މަސައްކަތް ކުރެއްވި މުވައްޒަފުންނާއި ދަރިވަރުން ނިޔާވެފައި އެބަހުއްޓެވެ.

"މިކަން ކޮށްދޭނެ ބަޔަކު ލިބިއްޖެއްޔާ ވީހާ ވެސް އަވަހަކަށް ދަތުރުތައް ފަށާނަން،" 900 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި އެވެ.