ވ. ރަކީދޫގައި އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލުގެ ދައުވާ ލިބޭ އަހުމަދު ޝުޒާދު އެ މައްސަލާގައި ވަޒީފާ އިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2015 ގައި އިބްތިހާލަށް އޭނާގެ މަންމަ އަނިޔާ ކުރުމުގެ ސަބަބުން މަރުވި މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން ޖިނާއީ ދައުވާ އުފުލާފައިވާ ޝުޒާދަކީ އޭރު ވ. އަތޮޅު ފެމިލީ ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގެ މުވައްޒަފެކެވެ. އެ މައްސަލަ ކުރިމަތިވުމުން އޭނާ ވަޒީފާއިން ވަކިކުރީ އެކަމުގައި އޭނާގެ އިހުމާލު އޮތް ކަމަށް ބުނެ އެވެ.
ޝުޒާދަށް ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން، ހައި ކޯޓުން ހުކުމްކުރީ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ އޭރު ޝުޒާދު އަދާކުރަންޖެހޭ ޒިންމާތައް ބަޔާންކޮށް ދީފައިވާ ވަޒީފާގެ ބަޔާނެއް ދައުލަތަށް ދެއްކިފައި ނެތް ކަމަށެވެ. އަދި އޭނާ އަކީ އެފަދަ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ލިބިފައި ނެތް މީހެއް ކަމަށާއި އެފަދަ ކަންތައްތަކުގައި އަމަލުކުރާނެ ސްޓޭންޑަޑް ޕްރޮސީޖާއެއް ހުށަހެޅުމަށް ދައުލަތަށް ދިން ފުރުސަތުގައި އެފަދަ ޕްރޮސީޖާއެއް ދައުލަތަށް ނުދެއްކޭ ކަމަށް ހުކުމުގައިވެ އެވެ.
އިބްތިހާލްގެ މައްސަލަ ފެންމަތިވި ފަހުން އެފަދަ އެހެން މައްސަލައެއް ބެލުމަށް ވެސް ޝުޒާދު ރަށަކަށް ފޮނުވާފައި އޮތް ކަމަށާއި އޭނާގެ ފަރާތުން ގެއްލުމެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ނަމަ އެހެން މައްސަަލައެއް ޝުޒާދާ ހަވާލު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.
"އަހުމަދު ޝުޒާދަކީ މިފަދަ މައްސަލައެއްގައި ބައިވެރިވާއިރު ފުރިހަމަ ކުރަންޖެހޭ ތަމްރީނުތައް ދެވިފައިވާ ފަރާތަކަށް ނުވާތީ އަހުމަދު ޝުޒާދު ކުޅަ ކަމަށް ބުނާ ކަންކަމަކީ އޭނާގެ ފަރާތުން ހެޔޮ ނިޔަތެއް ނެތި އިހުމާލުވެފައިވާ ވުމެއްގައި ކަމުގައި ބެލެވެން ނެތުމާއި.." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ޝުޒާދުގެ އިތުރުން އޭނާއާ އެކު ވ. އަތޮޅު ފެމިލީ ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގައި މަސައްކަތް ކުރި އިތުރު މީހަކާއި ޖެންޑާ މިނިސްޓްރީގެ ދެ ވެރިއަކާއި ފުލުހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ އިހުމާލުގެ ދައުވާ އުފުލައިފަ އެވެ. އިބްތިހާލަށް އަނިޔާކުރި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ވެސް އަންނަނީ ޝަރީއަތް ހިންގަމުންނެވެ.