އަނިޔާތަކެއް ލިބިގެން، މިދިޔަ އަހަރު ވ. ރަކީދޫގައި މަރުވި މުހައްމަދު އިބްތިހާލްގެ މައްސަލަ ބޭރުގެ ބައެއް ގައުމުތަކުގެ ސަމާލު ކަމަށް އަތުވެއްޖެ އެވެ.
އިންޑިއާގެ ނިއުދިއްލީގައި އިއްޔެ ނިމުނު ޕާލަމެންޓޭރިއަންސް އިންޓަނޭޝަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭރުގެ ބައެއް ބޭފުޅުން ވަނީ އިބްތިހާލްގެ މަރާ ގުޅޭ މައުލޫމާތު ހޯއްދަވައިފަ އެވެ. އަދި އެ މައުލޫމާތުތައް އެނގުމުން އެކަން އެ ބޭފުޅުންނަށް އެކަން ވަރަށް އަސަރުގަދަ ކަމަކަށް ވެގެން ވެސް ދިޔަ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލް ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމާއި މާފަންނު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަސްމާ ރަޝީދާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމެވެ.
މި ކޮންފަރެންސްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކޮންޑާ ވިޝެވާރު ވަނީ އިބްތިހާލްގެ ފޮޓޯއިން އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކޮންފަރެންސުން ގެންދަން ލިބުނު އެންމެ ބޮޑު އެއްޗަކީ އިބްތިހާލްގެ ފޮޓޯ އެވެ.
"އިބްތިހާލްގެ ފޮޓޯއަކީ މިހާތަނަށް ފެނުނު އެންމެ ރީތި އަދި އެންމެ ހިތާމަވެރި ފޮޓޯ، މި ކޮންފަރެންސުން ގެންދަން ލިބުނު އެންމެ މުހިންމު އެއްޗަކަށް މި ފޮޓޯ ވާނެ، މިއިން އެންމެންގެ ހިތްތަކާ ކުޅެލައިފި،" ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ވިދާޅުވި އެވެ.
އިންޑިއާގެ އިތުރުން، ސަރަހައްދީ ގައުމުތަކުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކޮންފަރެންސްގައި ރޮޒެއިނާ ވިދާޅުވީ އިބްތިހާލަށް ތަކުރާރުކޮށް އަނިޔާ ކުރަމުން ދިޔައިރު، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް އެނގިހުރެ، އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
"ސަރުކާރުގެ އިދާރާތަކަށް މިކަން އެނގުނު، އެކަމަކު އެ ކުއްޖާ (އިބްތިހާލް) ބޭނުންވި އެހީތެރިކަން އެއްވެސް މީހަކަށް ނުދެވުނު، އެއްވެސް މީހަކަށް އެ ކުއްޖާ ސަލާމަތް ނުކުރެވުނު، ސަރުކާރު އެކަމުގައި ފެއިލްވި، ސިސްޓަމް ފެއިލްވި، މުޅި މުޖުތަމައު އެކަމުގައި ފެއިލްވި،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި އިބްތިހާލް ދުނިޔެ ދޫކުރީ ކުޑަކުދިންގެ ހައްގުގައި އެއްވެސް ބަޔަކު އެކަށީގެންވާ މަސައްކަތެއް ނުކުރުމުންނެވެ. ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް، އެމީހުންނަށް އަޅާލުން ބޭނުންވާ ވަރަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާތީ ރޮޒެއިނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ހުރިހާ އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އެ ގޮތުން ސަރުކާރާއި މަޖިލިސް މެމްބަރުންނާއި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުން ލިބިގެން ނޫނީ ކުޑަކުދިންނަށް ކުރެވޭ އަނިޔާތައް ނުހުއްޓޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ކޮންފަރެންސަށް ފަހު "މިހާރަ"ށް ރޮޒެއިނާ ވިދާޅުވި ގޮތުގައި އިބްތިހާލަށް ދިމާވި ހާދިސާ އިތުރަށް އޮޅުންފިލުވަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އިތުރަށް ބޭނުންވި ކަމަށެވެ.
"އަޅުގަނޑު ވާނީ އެ ހުރިހާ މައުލޫމާތުތަކެއް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކޮށްފައި. އެ ބޭފުޅުން ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެކޭ، މިކަހަލަ ކަންކަން ހުއްޓަން ޖެހެއޭ،" ރޮޒެއިނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު އަނިޔާ ކުރުމުގެ ސަބަބުން މަރުވި މައްސަލަ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އާފިޔާ ކުރިން ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.
އިބްތިހާލް މަރުވި މައްސަލައިގައި ހެކި ބަސް ދިން އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ނިޝާން ވިދާޅުވީ އިބްތިހާލަށް ގިނަ އަނިޔާތަކެއް ލިބިފައި ހުރިއިރު އޭނާގެ ކަރުގައި ބާރަށް ހިފާފައި ހުރިކަމުގެ ނިޝާންތައް ހުރުމުގެ އިތުރުން ބަނޑަށް ލޭ އެޅިފައި ހުރި ކަމަށެވެ.
އާފިޔާ ބުނީ އިބްތިހާލަށް އަނިޔާކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށްވާތީ އެވެ. އެންމެ ފުރަތަމަ އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އެދުވަހު ކުރި އަނިޔާތަކާއި އެކަން ކުރި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.