ގާޒާ (ނޮވެމްބަރު 15) - ގާޒާ އަށް ދޭން ފެށި ހަމަލާތައް ހުއްޓާލަން ފަލަސްތީނުގެ އިސްލާމިކް ޖިހާދާ އެކު އެއްބަސްވުމަށް ފަހު، އިޒްރޭލުން ރޭ ފަތިހު ގާޒާ އަށް ވައިގެ ހަމަލާތައް ދީފި އެވެ.
ގާޒާ އަށް ދެ ދުވަސްވަން ދެން ހަމަލާ ދިނުމަށް ފަހު، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައީ ބުރާސްފަތި ދުވަހު ހެނދުނެވެ. ހަމަލާތައް ހުއްޓާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރީ މިސްރުންނެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 43 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
އެއްބަސްވުމާ ޚިލާފަށް ހަމަލާ ދޭން ފެށި ކަމަށް އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން އިސްލާމިކް ޖިހާދުން ވެސް ފަސް ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން އެންމެ ފަހުން ދިން ހަމަލާތަކުގައި ޒަޚަމްވި މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.
އެންމެ ފަހުގެ ހަމަލާތައް ފަށާފައި ވަނީ ހަމާސް ފިޔަވައި ފަލަސްތީނުގެ އެންމެ ބާރުގަދަ ޖަމާއަތް ކަމަށްވާ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާގެ ގެއަށް އަންގާރަ ދުވަހު އިޒްރޭލުން މިސައިލް ހަމަލާދީ އޭނާ ޝަހީދުކޮށްލުމާ ގުޅިގެންނެވެ. ރައްދުގައި އިސްލާމިކް ޖިހާދުން ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގާޒާ އިން އިޒްރޭލަށް 450 ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ. އެކަމަކު އެ ހަމަލާތަކުގައި އިޒްރޭލުން އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފަން އިޒްރޭލުން ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ގާޒާ އަށް ދޭން ފަށައިފަ އެވެ.