އިޒްރޭލުގެ އިސްތިއުމާރީ ސިފައިންނާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދު ގާޒާގައި ބަދަލުކުރަމުން ދިޔަ ހަމަލާތައް ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން، އިޒްރޭލު ސިފައިން ގާޒާ އަށް ދެމުން ދިޔަ ހަމަލާތަކާއި އޭގެ ބަދަލުގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ގޮފި، ސަރާޔާ އަލް ގުދުސްގެ ހަނގުރާމަވެރިން އިޒްރޭލަށް ދެމުން ދިޔަ ރޮކެޓް ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ، ފަލަސްތީނު ގަޑިން، ރޭ 100:00 ގަ އެވެ.

މިސްރު ސަރުކާރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، މި ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވި އިރު، ދެ ފަރާތުން ވެސް އެއްބަސްވުމަށް ފުރިހަމައަށް އިހްތިރާމް ކުރުމަށް މިސްރުން ގޮވާލާފައިވެ އެވެ. އިޒްރޭލު ސަރުކާރުންނާއި އިސްލާމިކް ޖިހާދު ޖަމާއަތުން އެއްބަސްވި އެގްރީމެންޓްގައިވާ ގޮތުން، އެގްރީމެންޓަށް އަމަލުކުރަން ފަށާ ވަގުތުން ފެށިގެން، މަދަނީންނަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި، ވަކިވަކި ފަރުދުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ނިމުމަކަށް ގެންނަންޖެހެ އެވެ.

"މިސްރުން އިއުލާން ކުރި ކަންކަމަށް، އިސްތިއުމާރީ ބާރުން (އިޒްރޭލުން) ފުރިހަމަ އަށް އަމަލުކުރާހާ ހިނދަކު، އަހަރެމެން ވެސް އެ ކަންކަމަށް ފުރިހަމަ އަށް އެއްބަސްވަން،" އިސްލާމިކް ޖިހާދު ޖަމާއަތުގެ ތަރުޖަމާނު ދާވޫދު ޝިހާބު، އަލް ޖަޒީރާ އަށް ވިދާޅުވި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު، ހާލަތު ވަޒަންކުރުމުގެ މަސައްކަތް އިޒްރޭލުން ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރުގެ ހާލަތުގެ ވަޒަންކުރުމުގެ ޒިންމާ އަދާކުރައްވަނީ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޯއާވް ގަލާން އާއި އަސްކަރީ ޖާސޫސީ އިދާރާގެ ބައެއް ވެރިން ހިމެނޭ ކޮމިޓީއަކުންނެވެ.

އިޒްރޭލު ސަރުކާރުން ބުނި ގޮތުގައި ހަނގުރާމަ ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމުގެ ނަތީޖާ ބިނާވެފައި އޮންނަނީ، ގާޒާގެ ތެރެއިން އިޒްރޭލަށް އިތުރު ރޮކެޓް ހަމަލާތަކެއް ދިނުމާއި ނުދިނުމުގެ މައްޗަށެވެ. ހަނގުރާމަ ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވުމާއެކު، ރޭގެ މެންދަމުން ފެށިގެން ގާޒާގެ މަސްރަހު އޮތީ ވަރަށް ހަމަހިމޭންކޮށެވެ.

އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތައް ގާޒާގެ މަތިން ބުރުޖެހުން ހުއްޓުމާއި، ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވައިލާ ރެކޮޓްތަކުގެ އަޑު ކެނޑުމާއެކު، ގާޒާގެ އާންމުން މަގުތަކަށް ނުކުމެ އުފާ ފާޅުކުރި އެވެ.

އިޒްރޭލު ސިފައިންނާއި ސަރާޔާ އަލް ގުދުސްގެ ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށުނީ، މިދިޔަ އަންގާރަ (މެއި 9، 2023) ދުވަހު އިޒްރޭލު ސިފައިން ގާޒާ އަށް ދިން ހަމަލާތަކެއްގައި، ސަރާޔާ އަލް ގުދުސްގެ ތިން ކޮމާންޑަރަކު ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އިޒްރޭލުން ބުނި ގޮތުގައި އެ ތިން ކޮމާންޑަރުންނަށް ހަމަލާ ދިނީ، އޭގެ ކުރީ ހަފުތާގައި ގާޒާގެ ތެރެއިން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގެ ފަހަތުގައި ތިބީ އެ ތިން މީހުން ކަމަށްވާތީ އެވެ.

މެއި 13، 2023؛ =އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް، އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގައި އިޒްރޭލުގެ އާންމުން މުޒާހަރާ ކުރަނީ. --އޭއެފްޕީ
މެއި 13، 2023؛ =އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް، އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގައި އިޒްރޭލުގެ އާންމުން މުޒާހަރާ ކުރަނީ. --އޭއެފްޕީ

އަންގާރަ ދުވަހުން ފެށިގެން ރޭގެ 10 ޖެހުމާ ހަމައަށް، ސަރާޔާ އަލް ގުދުސްގެ ހަނގުރާމަވެރިން ވަނީ 1000 އަށް ވުރެ ގިނަ ރޮކެޓް އިޒްރޭލަށް އަމާޒުކޮށް ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން އަމާޒަށް ވާސިލުވެފައިވަނީ ވަރަށް މަދު ރޮކެޓެކެވެ. ބައެއް ރޮކެޓްތައް، އަމާޒަށް ވާސިލުވުމުގެ ގޮތުން ވައިގެ ތެރެއަށް ގޮވާފައިވާ އިރު، ގިނަ ރޮކެޓްތައް ވައިގެ ތެރެއަށް ގޮއްވައިލީ، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން ދިން މިސައިލް ހަމަލާތަކުގަ އެވެ.

މިދިޔަ ފަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ގާޒާ އަށް ދިން މިސައިލް ހަމަލާތަކުގައި ފަލަސްތީނުގެ 33 މީހަކު ޝަހީދުވި އެވެ. އަދި ސަރާޔާ އަލް ގުދުސްގެ ހަނގުރާމަވެރިން ދިން ރޮކެޓް ހަމަލާތަކުގައި އިޒްރޭލުން ދެ މީހަކު މަރުވި އެވެ. އޭގެ ތެރެއިން އެކަކީ، އިޒްރޭލުން ދީފައިވާ ހުއްދައެއްގެ ދަށުން، އިޒްރޭލުގައި ވަޒީފާ އަދާކުރުމަށް ގޮސް އުޅުނު ފަލަސްތީނުގެ ފިރިހެނެކެވެ.

އިޒްރޭލުން މިފަހަރު ގާޒާ އަށް ދިން ހަމަލާތަކަކީ، މެއި 2021 ގައި އިޒްރޭލުން ގާޒާގެ ރައްޔިތުންނަށް ދިން ހަމަލާތަކަށް ފަހު، މިހާތަނަށް އިޒްރޭލުން ގާޒާ އަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. މެއި 10-21، 2021 ގައި އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކުގައި، ފަލަސްތީނުގެ 260 މީހަކު ޝަހީދުވި އެވެ.

އެ ހަނގުރާމައިގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަނގުރާމަވެރިންނާއި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން، އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގައި 13 މީހަކު މަރުވި އެވެ. އަދި ދެ ފަރާތުން ވެސް ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވި އެވެ.