ގާޒާ (ނޮވެމްބަރު 14) - ގާޒާ ސިޓީ އަށް އިޒްރޭލުން ދިން އުދުވާނުގައި ފަލަސްތީނުގެ އެއް އާއިލާއަކުން އަށް މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ގާޒާގެ މެދުތެރޭގެ ދައިރު އަލް ބަލާހު ޓައުނަށް ދިން ހަމަލާގައި އިސްލާމިކް ޖިހާދުގެ އިސް މެންބަރެއް ކަމަށްވާ ރަސްމީ އަބޫ މަލްހޫސް ވަނީ ޝަހީދުވެފަ އެވެ. އަދި އެގޭން އިތުރު ހަތް މީހަކު ވެސް ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުން ބުނެފައި ވަނީ ހަމަލާ އަމާޒުކޮށްފައި ވަނީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކަށް ކަމަށެވެ. އަދި ހަމަލާދީފައި ވަނީ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުގެ ކުރިން ކަމަށް ވެސް ބުނެފައިވެ އެވެ.
ގާޒާ އަށް ދޭ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާއި އިސްލާމިކް ޖިހާދުން އެއްބަސްވެފައި ވަނީ ރޭ ފަތިހުން ފެށިގެންނެވެ. ހަމަލާތައް ހުއްޓާލުމުގެ މެދުވެރިއެއްގެ ރޯލު އަދާކޮށްފައި ވަނީ މިސްރުންނެވެ.
ގާޒާ އަށް އިޒްރޭލުން ދެ ދުވަސްވަންދެން ދިން ވައިގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 34 މީހުން ޝަހީދުވެފަ އެވެ. ހަމަލާތައް ފަށާފައި ވަނީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާގެ އެޕާޓްމަންޓަށް ހަމަލާދީ އޭނާ ޝަހީދުކޮށްލުމާ ގުޅިގެންނެވެ.