ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ދީދީގެ ކެމްޕެއިނަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ގއ. މާމެންދޫ އަށް ވަޑައިގަތުމުން ހިނގި ހަމަނުޖެހުމެއްގައި ބަޔަކު އޭނާއަށް ހަމަލާދީފި އެވެ.
މިކަން ހިނގައިދިޔަ ގޮތް ކިޔައިދެއްވަމުން ނަރީޝް "މިހާރު" އަށް ވިދާޅުވީ އެކަމެއް ހިނގީ އެ ރަށަށް ފައިބައިގެން ރަށު ތެރެއަށް ހިނގާފައި ދަނިކޮށް ދެ މީހަކު އައިސް އޭނާއާ ދިމާކޮށްލުމުން ކަމަށެވެ.
އެ ދެ މީހުން އޭނާ ގަޔާ ދިމާލަށް އަންނަން ފެށުމުން "ކާކު ލާރި ދީގެން" އައި ބައެއްތޯ އޭނާ ސުވާލުކުރި ކަމަށާއި އެ ވަގުތު މައްސަލަ ހޫނުވެ ބޮޑު ޒުވާބަކަށް ބަދަލުވީ ކަމަށް ނަރީޝް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ މައްސަލަ ހޫނުވި ވަގުތު، ދެ މީހަކު އޭނާގެ ފަހަތުން އައިސް ބުރަކަށީގައި ގޮށް މުށް ކަވާފައި ދެ ފަހަރަކު ޖެހި ކަމަށެވެ.
އަދި، އޭގެ ފަހުން އިތުރަށް ހޫނުވެ، ދަގަނޑުބުރި ފަދަ އެއްޗެހި ނަގައި އުކަން ފެށި ކަމަށާއި އެ ތަން ސުލްހަކުރީ ފުލުހުން އައިސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަމަލާދިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަރީޝް އެގޮތަށް ތުހުމަތު ކުރެއްވިޔަސް، އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނަރީޝް އެވެ. އަދި މައްސަލަ ހޫނުވީ އެކަމާ ގުޅިގެންނެވެ.
އެމްޑީޕީ ކެމްޕޭނުގައި ހަރަކާތްތެރިވާ ޒުވާނަކަށް ނަރީޝް ހަމަލާ ދީފައިވަނީ ބަނދަރުމަތީގައި ހުރި އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓު ސައްޔާހު ހަލީލްގެ ކެމްޕެއިނު ޕޯސްޓަރެއް ފިޔާތޮށި ކުލައިގެ ފޮތި އަޅައި ފޮރުވުމާ ގުޅިގެން ކަމަށް ވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ފުލުހުން މިރޭ ބުނީ މާމެންދޫގައި ކުރިއަށް ދިޔަ ކެމްޕޭނު ހަރަކާތެއްގެ ތެރެއިން ނަރީޝަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓެއް މިއަދު ހަވީރު 5:00 ލިބިފައިވާ ކަމަށެވެ.
އަދި މި މައްސަލާގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.