ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފަން އައިލެންޑް ރިސޯޓުން އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ގޮސް އެރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިސޯޓްތަކުން މީހުން އެހެން ތަންތަނަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ބައެއް ރިސޯޓްތައް މިހާރު ބޭނުން ކުރަނީ އެ ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ކުރާ ފެސިލިޓީއެއްގެ ގޮތުގަ އެވެ.

ފުލުހުން ބުނީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތަށް ބޭނުންކުރާ ފަން އައިލެންޑުން ކައިރީގައި އޮންނަ އޮޅުވެލި ބީޗް ރިސޯޓަށް މީހަކު ރޭ ފަތާފައި ދިޔަކަމުގެ މައުލޫމާތު ލިބުމުން އޮޅުވެލި ބީޗް ރިސޯޓު ކައިރިން މޫދުގައި އޮއްވާ އޭނާ ހޯދައި، ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ ފަން އައިލެންޑް ރިސޯޓުގެ މުވައްޒަފެއް ކަމަށާއި އޭނާ އޮޅުވެއްޔަށް ދިޔައީ ސިނގިރެޓް ގަންނަން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ 20 އަހަރުގެ އެ މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުން އިތުރު ކޮށްދީފައިވާ ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދުގެ ދަށުން އޭނާ ކޯޓަށް ހާޒިރު ކުރުމެއް ނެތި އެވެ.

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދު ބުނާގޮތުން ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި މީހުން ކޯޓަށް ހާޒިރު ކުރުމެއް ނެތި، ހަމައެކަނި ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް އެފަދަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމިދާނެ އެވެ. އެކަމަކު އެ ހާލަތު ނިމުމުން އޭނާ އަވަހަށް ކޯޓަށް ގެންދަން ޖެހޭނެ އެވެ.

ރިސޯޓަކުން ފަތާފައި ދިޔަ މީހަކު ހައްޔަރު ކުރިއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަންގާފައިވާ އެންގުންތަކާ ޚިލާފަށް މީގެކުރިން ވެސް ރިސޯޓްތަކުން ރަށްރަށަށް ދަތުރުކުރި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.