ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ހަތަރު މީހެއްގެ ސާމްޕަލްތަކެއް ނަގައި، ޓެސްޓުކުރަން ފޮނުވައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި އެ ހަތަރު މީހުންގެ ތެރެއިން އެކަކަކީ ދިވެއްސެއް ކަމަށެވެ. އެއީ އަނަންތަރާ ދިގު ރިސޯޓުން މި ބައްޔަށް މީގެ ކުރިން ޕޮސިޓިވް ވި މީހަކާ "ޑައިރެކްޓް ކޮންޓެކްޓް" ވި މީހެއް ކަމަށް އެތަނުން ބުންޏެވެ. އެޗްޕީއޭ އިން މިހާރު އަންނަނީ އެ މީހާ އެކަހެރި ކުރުމަށްޓަކައި ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ހުކުރު ދުވަހު ވެސް އަނަންތަރާ އިން ވަނީ ބިދޭސީއަކު މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހާއާ ކޮންޓެކްޓްވި 11 މީހަކު ފާހަގަކޮށް، މޮނިޓަރުކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ބުނެފައި ވެ އެވެ. އެހެން ބިދޭސީއެއް ވެސް އެ ރިސޯޓުން ވަނީ މިއަދު މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
އަނެއް ތިން މީހުންނަކީ ބިދޭސީންނެވެ. އެއީ ފޯ ސީޒަންސް ލަނޑާގިރާވަރު ރިސޯޓުން އެ ބަލީގެ އަލާމާތްތައް ފެނުނު ދެ މީހަކާއި އާވީ ނޭޗާސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވާ އެކަކު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބެން ދެން މި ދެ ރިސޯޓު މޮނިޓަރު ކުރާނެ އެވެ.
މީގެ އިތުރުން ސަފާރީއަކުން ވެސް ދެ ބިދޭސީއަކު މި ބައްޔަށް މިއަދު ޕޮޒިޓިވްވެފައި ވެ އެވެ. މި ބައްޔަށް ޕޮޒިޓިވްވެފައިވާ 13 މީހަކު މިހާރު ރާއްޖޭގައި ތިބިއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ.
މި ބަލި މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން ނުފެނެ އެވެ. އެކަމަކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބުރާސްފަތި ދުވަހު ވަނީ މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.