ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އައި އެޗްއައިއެޗް އާއި ފަރުކޮޅުފުށި މަރާމާތަށް ފަހު އަލުން ހުޅުވާއިރު، އެތަންތަނުގެ އިންތިޒާމު ހުރީ ރަނގަޅަށް ކަމަށް އެޗްއާރުސީއެމުން ބުނެފި އެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން އައި އެޗްއައިއެޗް އާއި ފަރުކޮޅުފުށި ބަންދުކުރީ އިތުރު މަރާމާތްތަކެއް ކުރާށެވެ. ކޮވިޑުގެ ބަލި މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އެ ދެ ތަނުގަ އެވެ. މި ދެ ތަން މަރާމާތަށް ފަހު އަލުން ހުޅުވާނީ ކޮންއިރަކުން ކަމެއް ސަރުކާރުން ނުބުނެ އެވެ. އެކަމަކު ފަރުކޮޅުފުށި ދެން ބޭނުންކުރާނީ ހައިރިސްކް ޕޭޝަންޓުންނަށް ފަރުވާ ދޭނެ ތަނެއްގެ ގޮތުގައި ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެ އެވެ.

އެޗްއާރްސީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ދެ ތަން އަލުން ބޭނުންކުރަން ފެށުމުގެ ކުރިން އެތަނުގެ ހާލަތު ބެލުމަށްޓަކައި އެ ކޮމިޝަނުން ޒިޔާރަތް ކުރި ކަމަށެވެ. އަދި އެ ދެ ތަން ހަދާފައި ހުރީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ފަރުވާ ދެވޭނެ ގޮތަށް ކަމަށް ބުންޏެވެ.

އެ ދެ ތަން ބެލުމަށް ފަހު، ކޮވިޑް-19ގެ ސަބަބުން މުސްތަގްބަލުގައި ދިމާވެ ދާނެ ކަންތައްތަކަށް ދުރާލާ ތައްޔާރުވެފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އަދި އެ ދެ ތަނުގައި މަސައްކަތްކުރާނެ ސިއްހީ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރާށާއި އެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން އެކަށީގެންވާ ފިިޔަވަޅުތައް އަޅާފައިވާ ކަމަށް އެ ކޮމިޝަނުން ފާހަގަކުރި އެވެ.

ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި މި ވަގުތު ބޭނުންކުރަމުން އަންނަ ތަންތަނަށް ޒިޔާރަތްކުރަން ދަތިތަކެއް ހުރި ނަމަވެސް މިކަމާ ގުޅުން ހުރި އިދާރާތަކާ އެކު، އެ ތަންތަނުގެ ހާލަތު ދެނެގަންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެފައި ވެ އެވެ.

މި ބައްޔަށް 20 މީހަކު މިހާތަނަތަށް ރާއްޖެއިން ޕޮޒިޓިވް ވި ނަމަވެސް، ފަރުވާ ދެމުން އަންނަނީ އެންމެ ހަތަރު މީހުންނަށެވެ. އެއީ ފިލިޕީންސް އިން ރާއްޖެ އަށް އައި ދިވެއްސަކާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ތިން ދިވެހިންނެވެ. އިނގިރޭސިވިލާތުން ރާއްޖެ އައި އިތުރު ދިވެއްސެއް މިހާރު މި ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން އިއްޔެ ބުންޏެވެ. އިޓަލީ ދެ މީހަކު މި ބައްޔަށް ޕޮޒިޓިވްވި ކަން އެނގުނީ، އެ ގައުމަށް އަނބުރާ ދިޔަ ފަހުންނެވެ. ބާކީ 13 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.