ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ 17 ގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާ މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި އެހެންވެ، ތާއީދާއި ލޯތްބާއި ދުއާ ވަަރށް ބޮޑަށް ބޭނުންވާ ކަމަށެވެ.
"...ގިނަ ބަޔަކު މި ސުވާލުގެ ޖަވާބު ބޭނުންވާތީ ދަންނަވާލީ،" މާލޭގެ މޭޔަރުކަމަށް ހުސައިން ވަހީދު ކުރިމަތިލައްވާކަން އިއުލާން ކުރައްވަމުން ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.
ހުސައިން ވަހީދު މިހާރު ހުންނެވީ ޗެނަލް 13 ގެ ސީއީއޯގެ މަގާމުގަ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމުން ހުސައިން ވަހީދު ވަކިވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އަށް ފަހު 2015 ގަ އެވެ. އެ މަގާމުން އެކަހެރި ކުރައްވެމަށް ފަހު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ އައްޔަން ކުރެއްވި އެވެ. އޭގެ ފަހުން ބަދަލުކުރެއްވީ ޔޫތު މިނިސްޓްރީއަށެވެ.
ޔާމީންގެ ސަރުކާރުގެ ބަދަލުވުމާ ހަމައަށް ހުސައިން ވަހީދު ހުންނެވީ ޔޫތު މިނިސްޓްރީގަ އެވެ.
މާލޭގެ މޭޔަރުކަމުގެ އިންތިހާބު ބާއްވަން ޖެހުނީ އެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ގޮނޑި ހުސްވާތީ އެވެ. އަންނަ މަހުގެ 17 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ހުވާ ކުރައްވާ މުއިއްޒު މިހާރު ހުންނެވީ މާލޭގެ މޭޔަރުކަމުން ޗުއްޓީއެއް ނަންގަވައިގެންނެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ އިއުލާން ކުރަައްވައިފަ އެވެ.