ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ތަންފީޒުކޮށްދެވޭނެ އަދި މާލެއަށް އެ މަނިކުފާނު ކޮށްދެއްވި ހިދުމަތާ އެއްވަރުގެ ހިދުމަތެއް ދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވި އެވެ.
މި މަހުގެ 14 ގައި ބާއްވާ މާލޭގޭ މޭޔަރުކަމުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިންގައި ރޭ ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މޭޔަރުގެ އިތުރުން މާލޭގެ މުޅި މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ހޯދައިދޭން ޖެހޭ ކަމަށެވެ.
"ސިޓީ ކައުންސިލްގެ ސުޕަމެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް އޮންނަން އެބަ ޖެހޭ. މާނައަކީ ދައުލަތުން ފަހިކުރާ ކަންކަން ހިންގުމަށްޓަކައި މާލެ ސިޓީން އެ ރާވާ ކަންތައްތަކާ އެއްގޮތަށް ހިންގުމަށް ބޭނުން ވެޔޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު މޭޔަރެއްގެ ގޮތުގައި ހުންނެވިއިރު އެ މަނިކުފާނުގެ ހިކުމަތްތެރިކަމުން މަސައްކަތް ކުރެއްވީ އެހެނިހެން ޕާޓީތަކުގެ މެންބަރުންނާ ވެސް ވަރަށް ގުޅިގެން ކަމަށެވެ.
އޭގެ ނަތީޖާއަކީ މާލޭގެ މޭޔަރުކަމަށް މިހާރު ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވެސް ރައީސް މުއިއްޒުގެ ތަސައްވުރު ގަބޫލުކުރައްވައި އެ ކަންކަން ކޮންމެހެން ވެސް ތަންފީޒު ކުރަންޖެހޭ ކަމަށް ގަބޫލުކުރެއްވުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އެކަމަކު، ރައީސް މުއިއްޒު ކެންޑިޑޭޓަކު ދައްކަވާފައިވާ ކަމަށާއި ރައްޔިތުންނާ ހަމައަށް ގެންނަން ބޭނުންވާ ތަރައްގީ ގެނެވޭނީ އާޒިމާ ހޮވައިގެން ކަމަށެވެ.
"[އާޒިމާއަކީ] ތެދުވެރި، ހިކުމަތްތެރި ވެރިންނާއެކީގައި މަސައްކަތް ކުރަން، ވެރިންގެ ފަހަތުން މަސައްކަތް ކުރަން ތިބޭނެ ފަރާތްތަކެއް، އެހާ ކެރޭނެ އެހާ ހިދުމަތްތެރި ބަޔަކަށް ވާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ސިޓީ ކައުންސިލާއި ސަރުކާރާ މެދު ހިޔާލުތަފާތުވުންތައް އޮތުމުންނާއި ކައުންސިލަށް ދޭން ޖެހޭ ބާރުތައް ނުދީ އޮތުމުން ވެފައި އޮތް ގޮތް މާޒީއިން ފެންނަ ކަމަށާއި މިއީ އެ ހާލަތު ބަދަލުކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.