މަސް ގަންނަން މިފްކޯއަށް ސަބްސިޑީ ދިނުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި މަސް ގަންނަން މިފްކޯއަށް މިހާރު ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ދެމުން ނުދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަހުގެ އެކްސްޕޯޓް އިތުރުކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެ ސިޔާސަތުތަކާ އެކު ކަމަށެވެ. 

މަސްވެރިކަމުގެ ސިނާއަތުގައި ޒަމާންވީ އިހުމާލު އެބައޮތް ކަމަށާއި ފެލިވަރުގައި އެންމެ ފެކްޓްރީއެއް ހިންގާތާ 40 އަހަރުވެފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި މަސްވެރިކަން ކުރިއެރުވުމުގެ ވާހަކަތައް ސަރުކާރުތަކުން ދައްކާފައި އޮތަސް އަމަލީ ގޮތުން އެކަމެއް ފެންނާކަށް ނެތެވެ. 

މިދިޔަ ސަރުކާރު ނިމެން ކައިރިވެފައި އޮއްވައި މަސް ކިލޯއެއް 25ރ. އަށް ގަންނަން ސިޔާސަތަށް ގެނައި ބަދަލަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ އެ އަގު މިފްކޯއިން މަސް ގަތުމަށް ކޮންމެ ކިލޯއަކަށް 13ރ. ސަރުކާރުން ދައްކަން ޖެހުނު ކަމަށެވެ. އަހަރެއްގެ މައްޗަށް 123،000 ޓަނުގެ ކަޅުބިލަމަސް ނަމަ، ސަރުކާރުން ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ބިލިއަނުން ފައިސާ ދޭން ޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑު ހިތަށް އަރަނީ ކީއްވެބާއޭ ބިލިއަނުން ހަރަދު ނުކުރީ އިންފްރާސްޓްރަކްޗާ ގާއިމް ކުރަން. ފެކްޓްރީތައް ގާއިމްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. 

ފެލިވަރާއި ޕްރައިވެޓް ތަންތަނާ އެކު މި ވަގުތު ރާއްޖޭގައި މަސް ޕްރޮސެސިން ކެޕޭސިޓީއަކީ 105 ޓަނެވެ.  ކުރީ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުގެ އަމާޒަކީ އެކަން ބަދަލުކޮށް މަސް ޕްރެސެސް ކުރެވޭނެ ކެޕޭސިޓީ ބޮޑުކުރުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ފ. ނިލަންދޫ އާއި ގދ. ފިޔޯރީ މަސް ޕްރެސެސް ކުރެވޭނެ ގޮތް ހަދައި ފެލިވަރުގެ ކެޕޭސިޓީ ދެގުނަ ބޮޑުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ މި މަސައްކަތްތައް ނިންމާލެވޭނެ މި ތިން ގުނަ ކުރެވުނީ. އެކްސްޕޯޓް އިތުރު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ކުރީ ސަރުކާރުތަކުން ސިޔާސީ ގޮތުން ވޯޓު ހޯދުމަށް މިފްކޯއަށް ސަބްސިޑީ ދީގެން މަސްވެރިންގެ އަތުން މަސް ގަނެގެން ތިބީ ކަމަށާއި ނަމަވެސް، މި ސަރުކާރުން މިހާރު ވަނީ ސަރުކާރުން ދޭ ސަބްސިޑީއާ ނުލައި މަސް ގަނެވޭނެ ގާބިލުކަން ހުރި ކުންފުންޏަކަށް މިފްކޯ ހަދައިފަ އެވެ. 

"އަޅުގަނޑުމެން މިހާރު މިފްކޯއަށް ސަރުކާރުން މަސް ގަންނާށޭ ކިޔާފައި އެންމެ ރުފިޔާއެއް ވެސް ނުދެން. އެންމެ ރުފިޔާއެއް ވެސް ނުދެން. މިއީ މި ސިޔާސަތުތަކުގެ ސަބަބުން. އަޅުގަނޑުމެން ބޭނުން ވަނީ މިފްކޯއަކީ ވެސް ކޮޅަށް ހުރެގެން މަސައްކަތް ކުރާ ކުންފުންޏަކަށްވުން. އަމިއްލައަށް އެކަނި ކޮޅަށް ހުރެގެން މަސައްކަތް ކުރާ ކުންފުންޏަކަށް ވާން. އެ މަގުން ރައީސް މަސައްކަތްޕުޅު ކުރެއްވީ ފުރަތަމަ ދުވަހުން ފެށިގެން،" ސަރުކާރު މެންބަރުން އަތްތިލަބަޑި ޖަހަމުން ދަނިކޮށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތުން ޕްރައިވެޓް ކުންފުނިތައް ތިބީ ބޭރުވާ ހިސާބަށް ގޮސްފައި ކަމަށެވެ. ނަމަވެސް، މިއަދު ވިޔަފާރީގެ ހެޔޮ މާހައުލެއް އުފެދިއްޖެ ކަމަށާއި މިހާރު ޕްރައިވެޓް ކުންފުނިތަކާ ވެސް އެކު މުޅި ސިނާއަތު ދަނީ ކުރިއަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ މަހުގެ އެކްސްޕޯޓް ވެސް އިތުރުވާނެ. އެކްސްޕޯޓް ކުރެވޭ މަހަށް ލިބޭ އާމްދަނީ ވެސް އިތުރު ކުރެވިގެންދާނެ. އަދި މަސްވެރިންގެ ޖީބަށް ލިބޭ އެއްޗެއް ވެސް މި ސިޔާސަތުތަކުގެ ސަބަބުން ތަނަވަސްވެގެންދާ ތަން އަޅުގަނޑުމެންނަށް ފެންނަނީ،"