މި ދުވަސްވަރު ރާއްޖޭގައި މަސްވެރިކަން އާދަޔާ ހިލާފަށް ދަށްވެ، ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ފިހާރަތަކުން ވަޅޯމަސް ހުސްވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ މިފްކޯގެ އެއްވެސް ފިހާރައެއްގައި މި ވަގުތު ވަޅޯމަސް ނެތް ކަމަށާއި ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އެ ފިހާރަތަކުން ކަސްޓަމަރުންނަށް އަންގާ ކަމަށެވެ.
އެ ކަމާ ގުޅޭ ގޮތުން މިފްކޯގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ވަޅޯމަސް ހުސްވީ މި ދުވަސްވަރު ވަރަށް ބޮޑަށް މަސްވެރިކަން ދަށްވެ، ޕްރޮޑަކްޝަނަށް އަސަރުކުރުމުން ކަމަށެވެ.
"އެކަމަކު މިހާރު މަސްވެރިކަން ރަނގަޅުވަމުން އަންނާތީ، ޕްރޮޑަކްޝަން ވަނީ ހަމަޔަކަށް އެޅިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކުރިއެކޭ ވެސް އެއްގޮތަށް މިފްކޯ ފިހާރަތަކުން ވަޅޯމަސް ލިބެން ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މިފްކޯގެ އިތުރުން މާލޭގައި އެންމެ ފުޅާކޮށް މަހުގެ ބާވަތްތައް ވިއްކާ އެންޒީ އިން ވެސް ވަޅޯމަސް ވިއްކަނީ ވަރަށް ލިމިޓްކޮށެވެ. މީހަކަށް ކިލޯއެއްގެ އުސޫލުންނެވެ.
"އެންޒީގައި ވެސް ނެތް ވިއްކަން ނެރެފައެއް. އެ މީހުން ބަހައްޓާފައި ހުންނަނީ އެތެރޭގައި. މީހަކު މަސް ގަންނަން އައުމުން ނެރެފައި ދެނީ މީހަކަށް ކިލޯއެއް،" މަސް ގަންނަ އެންޒީއަށް ދިޔަ މީހަކު ބުންޏެވެ.
މި ދުވަސްވަރު މަސްވެރިކަން ދަށްވުމާ ގުޅިގެން، މަހުގެ އަގު ވެސް ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.
މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ވަނީ ތެލުގެ ބޮޑު ތާށިކަމެއް ކުރިމަތިވެފަ އެވެ.
ބޮޑު އަގުގައި ތެޔޮ ގަނެގެން މަސްވެރިކަން ކުރަން ނުކުންނަން ޖެހޭތީ އުތުރުގެ މަސްވެރިކަން މަހަށް ނުފުރާކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވެސް ފާޅުކޮށްފައިވެ އެވެ.
ނަމަވެސް ސަރުކާރުން ވަނީ ރާއްޖެއަށް ތެލުގެ ދަތިކަން ނުޖެހޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.