މިފްކޯ އިން ވިއްކާ މަސްދަޅުގެ ޑިމާންޑް މި ރޯދަ މަހު ބޮޑުވެ، ދުވާލަކު 4،500 މަސް ކޭސް ބާޒާރަށް ނެރެން ފަށައިފި އެވެ.

މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް މިއަދު ވިދާޅުވީ، މަސްދަޅުގެ ޑިމާންޑު ބޮޑުވެ، މާލޭގެ ބާޒާރަށް ކޮންމެ ދުވަހަކު ގެންނަ މަސް ކޭސް ހުސްވާ ކަމަށެވެ. އެހެންވެ މިހާރު ދުވާލަކު 4،500 ކޭސް ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަޅުމަހުގެ އިތުރުން ތާޒާ މަހާއި ފިނިކުރި މަހުގެ ޑިމާންޑު ވެސް ވަރަށް ބޮޑު. ކޮންމެ ދުވަހަކު އެއް ފަހަރު ކަނޑުއޮތްގިރިން ގެންނަން ޖެހޭ،" އަދުލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތާޒާ މަހާއި ފިނިކުރި މަހުގެ ޑިމާންޑް ވެސް އިންތިހާ އަށް ބޮޑުވުމުން ދުވާލަކު ހަތް ޓަނުގެ މަސް މާލެ ގެނެސް އަންނަނީ ވިއްކަމުންނެވެ.

"ކަނޑުއޮތްގިރިން ގެންނައިރަށް ވިކި ހުސްވޭ. އެހެންވެ މެދުނުކެނޑި ބާޒާރަށް ނެރެވޭތޯ މިދަނީ މަސައްކަތް ކުރަމުން،" އަދުލީ ވިދާޅުވި އެވެ.

ތާޒާ އަދި ފިނިކުރި ކަނޑުމަސް ކިލޯއެއް މިފްކޯ އިން ވިއްކަނީ 80ރ. އަށެވެ. އަދި ކަންނެލި ކިލޯއެއް ވިއްކަނީ 100ރ. އަށެވެ.