ލިލް (26 މެއި) - ފްރެންޗް ލީގުގެ ޗެމްޕިއަންކަން 10 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލިލް އަށް ހޯދައިދިންތާ ދެ ދުވަސް ފަހުން ކޯޗް، ކްރިސްޓޯފް ގަލްޓިއޭ އެ ކްލަބުން އިސްތިއުފާ ދީފި އެވެ.
ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއަށް ފުރުސަތު ނުދީ، ލީގު ޗެމްޕިއަންކަން ލިލް ހޯދީ، މިދިޔަ އާދިއްތަ ދުވަހު އެވެ. ރެލިގޭޝަން ޒޯންގައި 2017 ވަނަ އަހަރު ކްލަބު ވަނިކޮށް ކޯޗް ކަމާ ހަވާލުވެ، ލިލް ސަލާމަތް ކޮށްދިންކޯޗް ބުނީ އޭނާގެ ވަގުތު ލިލްގައި ހަމަވެއްޖެ ކަމަށެވެ.
އޭނާގެ ފުރަތަމަ ފުލް ސީޒަންގައި މިދިޔަ އަހަރު ލިލް އަށް ލީގުގެ ދެ ވަނަ ހޯދައިދީ ހަތް އަހަރު ފަހުން ޗެމްޕިއަންސް ލީގުގެ ޖާގަ އެ ޓީމަށް ހޯދައިދިނެވެ. އަދި މި ސީޒަންގައި ޗެމްޕިއަންކަން ހޯދައިދީ ކްލަބުގެ 76 އަހަރުވީ ތާރީހުގައި ހަތަރު ވަނަ ފަހަރަށް ލިލްއަށް ލީގު ކާމިޔާބު ކޮށްދިނެވެ.
ފްރާންސްގެ ކޯޗް އޮފް ދަ އިއާ އެވޯޑް ތިން ވަނަ ފަހަރަށް ހޯދި ގަލްޓިއޭއަށް އެހެން ކްލަބުތަކުން ހުށަހެޅުން ލިބިފައިވާ ކަމަށް އޭނާ ބުޏްޏެވެ. އެގޮތުން ނަޕޯލީ، ނީސް އަދި ލިޔޯން އިން އޭނާ އަށް ވަނީ ހުށަހަޅައިފަ އެވެ.
"ތެދެއް، އަހަރެން މި ދަނީ މި ތިން ކްލަބުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ވިސްނަމުން، "ފްރާންސްގެ ކުޅިވަރު ނުސް "ލެކީޕް" އަށް ދިން އިންޓަވިއުގައި ގަލްޓިއޭ ބުންޏެވެ. "އަހަރެން އަދި އެއްވެސް ހުށަހެޅުމަކަށް އިޖާބައެއް ނުދެން. އަހަރެން ހިތައް އަރާ ނީސްގެ ހުށަހެޅުމަށް އަހަރެން އިޖާބަ ދޭން ޖެހޭނެޔޭ ވެސް."
ނަޕޯލީއަށް ޗެމްޕިއަންސް ލީގުގެ ޖަގަ ނުލިބުމުން، އެ ޓީމުގެ ކޯޗް ކަމުގައި ހުރި، ޖެނާރޯ ގަޓޫސޯ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އޭނާ މިހާރު ވަނީ ފިއޮރެންޓީނާގެ ކޯޗ ކަމާ ހަވާލު ވެފަ އެވެ. ގަލްޓީއޭ ބުނީ ނަޕޯލީގެ ހުށަހެޅުމަކީވެސް ޝައުގުވެރި ހުށަހެޅުމެއް ކަމަށާއި އެކަމަކު ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.