ކެނެރީ އައިލެންޑްސް (ޑިސެމްބަރު 21) - ރާއްޖޭގައި ކުޅުނު ބޯހަސް މާޓިން މިހާރު ކުޅޭ އެތުލެޓިކޯ ޕާސޯ، އިން ސްޕެނިޝް ކަޕް ގެ ދެ ވަނަ ބުރުގައި ރޭ އެސްޕަނިޔޯލާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތު ވަން ލަނޑާއެކު 1-0 އިން ބަލިވެ، އެ ޓީމުން މުބާރާތުން ކަޓައިފި އެވެ.

އުމުރުން 35 އަހަރުގެ ފޯވާޑް ބޯހަސް، ފުރަތަމަ ބުރުގެ މެޗުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ނަމަވެސް، ރޭ ކުޅުނު މެޗުގައި އޭނާ ފެށީ ބެންޗުންނެވެ. އޭނާ ކުޅެން އެރީ ދެ ވަނަ ހާފުގައި، މެޗުގެ 73 ވަނަ މިނިޓުގަ އެވެ.

އެސްޕަނިޔޯލުން މެޗުގައި ޖެހި ހަމައެކަނި ލަނޑު 80 ވަނަ މިނިޓުގައި ޖަހައިދިނީ، އެޓީމުގެ 21 އަހަރުގެ މިޑްފީލްޑަރު ނިކޯ މެލާމެޑް އެވެ. އޭނާ ވަނީ މެޗުގައި ފުލްކޮށް ކުޅެފަ އެވެ.

އެސްޕަނިޔޯލްގެ ކެޕްޓަން ލިއަންޑްރޯ ކަބްރޭރާ ފޯވާޑް ޔޮސޭލޫ ވެސް މެޗުގައި ފުލްކޮށް ކުޅުނެވެ. މެލާމެޑް ލަނޑު ޖެހީ ޔޮސޭލޫ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އެޓީމުގެ ވައިސް ކެޕްޓަން ސާޖީ ޑާޑާ އާއި މި ސީޒަންގައި ބާސެލޯނާ ދޫކޮށްލި މާޓިން ބްރެއިޓްވެއިޓް ވެސް ދެ ވަނަ ހާފުގައި ކުޅެން ނުކުތެވެ. ނަމަވެސް ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު އެލެއިކްސް ވިޑާލް މެޗު ނިމެން ދެން ވެސް އިނީ ބެންޗުގަ އެވެ.

އެސްޕަނިޔޯލަށް ދެން އެންމެ އަވަހަށް އޮތީ، ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ވޯލްޑް ކަޕަށް މެދުކަނޑާލުމަށް ފަހު ސްޕެނިޝް ކަޕްގެ ދެ ވަނަ ބުރުގެ ކުޅުން ރޭ ފަށާފައި ވާއިރު، ސްޕެނިޝް ލީގުގައި ކުޅޭ އެތުލެޓިކޯ ބިލްބާއޯ، ރެއާލް މަޔޯކާ، ގެޓަފޭ އަދި އެލްޗޭ ވެސް ވަނީ ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފަ އެވެ.

ސްޕެނިޝް ސުޕަ ކަޕް ގައި ވާދަކުރާ ހަތަރު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް، ބާސެލޯނާ، ވެލެންސިއާ އަދި ރެއާލް ބެޓިސް ސްޕެނިޝް ކަޕުގައި ކުޅެން ފަށާނީ ތިން ވަނަ ބުރުން ފެށިގެންނެވެ.