ފާއިތުވި ދެ ސީޒަންގައި ރާއްޖޭގެ ކްލަބް ވެލެންސިއާ އަށް ކުޅުނު ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން، އޭނާ މިހާރު ކުޅޭ އެތުލެޓިކޯ ޕާސޯ އާއެކު ސްޕެނިޝް ކަޕުގައި މިރޭ އެސްޕަނިޔޯލާ ދެކޮޅަށް ކުޅެން ތައްޔާރު ވެއްޖެ އެވެ.
ރާއްޖޭގެ ވެލެންސިއާ ގައި ދެ ސީޒަން ކުޅުމަށް ފަހު މި އަހަރުގެ އޮގަސްޓު މަހު ބޯހަސް ވަނީ އެނބުރި ގައުމަށް ގޮސް، އޭނާގެ އުފަން ރަށް ކެނެރީ އައިލެންޑްސް އަށް ނިސްބަތްވާ އެތުލެޓިކޯ ޕާސޯ އާ ގުޅިފަ އެވެ. ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގެ ކްލަބްގައި އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ބޯހަސް ވަނީ ވެލެންސިއާ އާއެކު މިދިޔަ ސީޒަންގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި 2020/2021 ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ވެލެންސިއާ އަށް ހޯދައިދިނުމުގައި ވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
އުމުރުން 35 އަހަރުގެ ފޯވާޑް ވަނީ އެތުލެޓިކޯ ޕާސޯ އާއެކު މި ސީޒަންގެ ލީގުގައި މިހާތަނަށް 11 މެޗު ކުޅެ، ތިން ގޯލު ޖަހައިފަ އެވެ. އެޓީމު މިވަގުތު އޮތީ ލީގުގެ 13 ވަނައިގަ އެވެ.
ސްޕެނިޝް ކަޕުގައި ވާދަކުރުމުގެ ފުރުސަތު އެތުލެޓިކޯ ޕާސޯ ހޯދީ މިދިޔަ ސީޒަނުގެ ފަސް ވަނަ ޑިވިޝަންގައި އެ ޓީމު ވާދަކުރި ބައިގެ އެއް ވަނަ ހޯދައިގެންނެވެ. ސްޕެނިޝް ކަޕުގެ ފުރަތަމަ ބުރުގެ މެޗުގައި، އޭނާގެ ކުރީގެ ކްލަބް ކަމަށްވާ ތިން ވަނަ ޑިވިޝަންގެ ރެއާލް މުރްސިއާ އާ ދެކޮޅަށް ފުރަތަމަ 11 ގައި ކުޅުނެވެ. އެ މެޗު 1-1 އިން އެއްވަރުވުމުން، ޕާސޯ މޮޅުވީ 3-2 އިން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.
ކެޓަލޫނިއާ ސަރަހައްދަށް ނިސްބަތްވާ އެސްޕަނިޔޯލަކީ ވިދިވިދިގެން 26 އަހަރު ސްޕެނިޝް ލީގުގައި އޮވެފައި 2019/2020 ވަނަ ސީޒަންގައި ރެލިގޭޓްވި ޓީމެކެވެ. އޭގެ ކުރީ ސީޒަންގައި ލަ ލީގާގެ ހަތް ވަނަ ހޯދައިގެން އެ ޓީމުން އެ ސީޒަންގެ ޔޫއެފާ ޔޫރޮޕާ ލީގު ވެސް ކުޅުނެވެ. ނަމަވެސް ޖެހިގެން އައި ސީޒަން ގައި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި އެޓީމު އަނެއްކާ ވެސް އަންނަނީ ލަ ލީގާ ގައި ވާދަ ކުރަމުންނެވެ.
ވޯލްޑް ކަޕަށް މެދުކަނޑާލާފައިވާ ސްޕެނިޝް ލީގުގައި އެސްޕަނިޔޯލް މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ. އެ ޓީމު ވަނީ މީގެ ކުރިން ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައިފަ އެވެ. އެންމެ ފަހުން ޗެމްޕިއަންކަން ހޯދީ 2006 ވަނަ އަހަރެވެ.
ސްޕެނިޝް ކަޕުގައި އެތުލެޓިކޯ ޕާސޯގެ އަމިއްލަ ދަނޑުގައި އެސްޕަނިޔޯލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 2 ޖަހާއިރެވެ.
ސްޕެނިޝް ލީގުގެ 14 ޓީމެއް ސްޕެނިޝް ކަޕުގައި ވާދަކުރެ އެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އާއިު އެތުލެޓިކޯ މެޑްރިޑާއި ވިޔަރެއާލާއި ސެވިއްޔާ އަދި ރެއާލް ސޮސިއެޑާޑް ވެސް ހިމެނެ އެވެ. މި ޓީމުތައް ކުޅެން އޮތީ ވެސް ހަތަރު ވަނަ ޑިވިޝަންގެ ޓީމުތަކާ ދެކޮޅަށެވެ.
ބޯހަސް ވަނީ މީގެ ކުރިން ވެސް ސްޕެނިޝް ކަޕުގައި ކުޅެފަ އެވެ. ރާއްޖެ އަައުމުގެ ކުރިން ބޯހަސް ވަނީ 2020/2021 ވަނަ ސީޒަން ގައި ފިންލެންޑްގެ އެފްސީ ހޮންކާ އާ އެކު ޔޫއެފާ ޔޫރޮޕާ ލީގު ކޮލިފައިންގައި ވެސް ކުޅެފަ އެވެ. ޑެންމާކުގެ އޭޖީއެފް އާ ދެކޮޅަށް ކުޅެ 5-2 އިން ބޯހާސް ކުޅުނު ޓީމު ބަލިވި ނަމަވެސް، އެ ޓީމުން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ އޭނާ އެވެ.