މި މަހު 19 ގައި ޕްރިމިއާކުރި "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ 10 ވަނަ ފިލްމު "ފާސްޓް އެކްސް" ގެ ޖުމްލަ އާމްދަނީ 500 މިލިއަން ޑޮލަރު ހުރަސްކޮށްފި އެވެ.

މިދިޔަ ހަފްތާ ބަންދުގައި އެޅުވި ޝޯތަކުން ޖުމްލަ 111 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބޮކްސް އޮފީހުގައި މި ރޭޓުން އާމްދަނީ ހޯދާ ނަމަ، ގިނަ ދުވަސްތަކެއް ނުވެ އެ ފްރެންޗައިޒްގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި، ނުވަ ވަނަ ފިލްމު "އެފް9" (721 މިލިއަން ޑޮލަރު) ފަހާލާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޯޑިއަންސްގެ ސަޕޯޓު ލިބުނަސް، މި ފިލްމާ މެދު ކްރިޓިކްސް ހިތް ހަމައެއް ނުޖެހެ އެވެ. ރޮޓެން ޓޮމާޓޯސްގައި 262 ކްރިޓިކްސްގެ ރިވިއުއަށް ފަހު، ރޭޓިން އުޅެނީ 54 ޕަސެންޓުގަ އެވެ. އެއްބަޔަކު ބުނާ ގޮތުން، އެ ފިލްމު ކިރިޔާ ވެސް ބަލައިލެވުނީ، ވިލަންގެ ރޯލު ކުޅުނު ޖޭސަން މޮމޯއާގެ ކެރެކްޓާގެ މޮޅު އެކްޓިންގެ ސަބަބުންނެވެ.

"ފާސްޓް އެންޑް ފިއުރިޔަސް" ފްރާންޗައިޒްގެ ފިލްމެއް އެންމެ ފުރަތަމަ ނެރުނީ 2001 ވަނަ އަހަރު އެވެ. ބޭރުގެ ނޫސްތަކުން ބުނާގޮތުގައި، "ފާސްޓް އެކްސް" ގެ ސީކުއެލްގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި ބެލެވޭ ގޮތުގައި އެ ފިލްމު ރިލީޒްކުރެވޭނީ 2025 ވަނަ އަހަރު ކަމަށް ފިލްމުގެ ލީޑު އެކްޓަރު ވިން ޑީޒަލް ބުނެފައިވެ އެވެ.

ވިން އާއި ޖޭސަން އާއެކު މި ފިލްމުގައި ބްރީ ލާސަން އާއި މިޝޭލް ރޮޑްރީގަޒް އާއި ލޫޑަކްރިސް އާއި ޖޯން ސީނާ އާއި ޖޭސަން ސްޓޭތަމްގެ އިތުރުން ޗާލީޒް ތެރޮން ފަދަ މަގްބޫލު ގިނަ އެކްޓަރުންނެއް އުޅެ އެވެ.