"ފާސްޓް އެންޑް ފިއުރިއަސް 8" އަކީ އޮސްކާ ލިބުން ހައްގުވާ ވަރުގެ މޮޅު ފިލްމަކަށް ވާނެ ކަމަށާއި އެކަން ހާސިލްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެ ފްރެންޗައިޒްގެ އެންމެ ވަރުގަދަ އެއް ތަރި އަދި ޕްރޮޑިއުސަރު ވިން ޑީސަލް ބުނެފި އެވެ.

އޭނާ ބުނީ މިދިޔަ އަހަރު ރިލީޒް ކުރި "ފާސްޓް އެންޑް ފިއުރިއަސް 7" އަޅާ ކިޔާ ނަމަ އަށް ވަނަ ފިލްމު މާ ބޮޑަށް ވެސް ތަފާތު ވާނެ ކަމަށެވެ. އަދި ހާއްސަކޮށް އޭނާގެ ކެރެކްޓާ ވެސް މި ފަހަރު މާ ވަރުގަދަވެފައި ފުރިހަމަ ވާނެ ކަމަށް ޑީސަލް ބުންޏެވެ.

"ފާސްޓަ ހަތަކަށް ވުރެ އަށެއް މާ ބޮޑަށް ވެސް ތަފާތުވެފައި މޮޅު ވާނެ،" އޭނާގެ ކުރިއަށް އޮތް ފިލްމް "ބިލީ ލީންސް ލޯންގް ހާފްޓައިމް ވޯކް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި 49 އަހަރުގެ އެކްޓަރު ބުންޏެވެ.

އެފް ގެރީ ގްރޭ ޑައިރެކްޓްކޮށްފައިވާ "ފާސްޓް އެންޑް ފިއުރިއަސް 8" ގެ ކާސްޓުން ވެސް މި ފަހަރު މާ ވަރުގަދަ އެވެ. މި ފިލްމުގައި އޭ ލިސްޓް ގިނަ ތަރިންތަކެއް ހިމެނެ އެވެ.

އޭގެ ތެރޭގައި ޗާލީޒް ތެރަން، ހެލެން މިރެސް، ޑްވޭން ޖޯންސަން، ޖެޒަން ސްޓަތަމް، މިޝޭލް ރޮޑްރިގޭޒް އަދި ސްކޮޓް އީސްޓްވުޑް ފާހަގަކޮށްލެވެ އެވެ.

"ފާސްޓް އެންޑް ފިއުރިއަސް 8" ރިލީޒް ކުރާނީ އަންނަ އަހަރު.
"ފާސްޓް އެންޑް ފިއުރިއަސް 8" ރިލީޒް ކުރާނީ އަންނަ އަހަރު.

ޑީސަލް ބުނީ "ފާސްޓް އެންޑް ފިއުރިއަސް 8" އަށް އޮސްކާއެއް އޭނާ އުންމީދު ކުރަނީ ސަބަބުތަކެއް ހުރެގެން ކަން ފިލްމުގެ ޓްރެއިލާ ލޯންޗް ކުރުމުން ވެސް ބެލުންތެރިންނަށް އެނގިގެން ދާނެ ކަމަށެވެ.

މި ފިލްމުގެ ޓްރެއިލާ އަންނަ ޑިސެމްބަރު މަހުގެ 11 ގައި ރިލީޒް ކުރަން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް ފިލްމް ސިނަމާތަކަށް އަންނާނީ އެޕްރީލް 14، 2017 ގަ އެވެ.