އެޗްބީއޯގެ މަޝްހޫރު ސީރީޒް "ޔޫފޯރިއާ"ގެ ތިންވަނަ ސީޒަން އަންނަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ގެނެސްދޭން ނިންމައިފި އެވެ. 

އެޗްބީއޯ އިން އިއްޔެ ވަނީ އާ ސީޒަން ޓްރެއިލާ ވެސް އާންމުކޮށްފަ އެވެ. 

ދެ މިނެޓާއި 25 ސިކުންތުގެ ޓްރެއިލާއިން އެނގޭ ގޮތުގައި، ތިންވަނަ ސީޒަންގައި ދައްކާނީ މިދިޔަ ސީޒަންގައި ހިނގި ކަންތައްތަކުގެ ފަސް އަހަރު ފަހެވެ. 

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންތަކެއް ދިރިއުޅުން ދައްކާ "ޔޫފޯރިއާ"ގެ ފުރަތަމަ ދެ ސީޒަނަށް ބޮޑު ތަރުހީބެއް ލިބުނެވެ. ދެވަނަ ސީޒަނަށް 16.1 މިލިއަން ވިއުސް ލިބި، އެޗްބީއޯ މެކްސްގެ ރެކޯޑެއް ހަދާފައިވެ އެވެ.

އެމެރިކާގެ ފިލްމު އުފެއްދުންތެރިޔާ ސޭމް ލެވިންސަން ގެނެސްދޭ "ޔޫފޯރިއާ"ގެ ދެވަނަ ސީޒަނަށް ލިބުނު ކާމިޔާބީއާ އެކު، އެ ސީރީޒް ވެފައި ވަނީ އެޗްބީއޯ މެސްކްގެ ސީރީޒްތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ބެލި ސީރީޒަށެވެ. 

އެ ސީރީޒްގެ އާ ސީޒަނެއް މި ގެނެސްދެނީ ދެވަނަ ސީޒަން ގެނެސްދިންތާ ހަތަރު އަހަރު ފަހުންނެވެ. އާ ސީޒަންގެ މަސައްކަތްތައް ލަސްވި ސަބަބުތަކުގެ ތެރޭގައި ސީރީޒްގެ ލީޑް ތަރިންގެ ޝެޑިއުލް ބިޒީވުމާއި ލެވިންސަން އެހެން ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމާއި އޭނާ އާއި ފިލްމުގެ ލީޑް ތަރި ޒެންޑަޔާއާ މެދު ގުޅުން ގޯސްވުން ވެސް ހިމެނެ އެވެ. 

"ޔޫފޯރިއާ"ގައި މުހިންމު ރޯލުތައް ކުޅެނީ ޒެންޑަޔާ، ޖެކޮބް އެލޯޑީ، ސިޑްނީ ސްވީނީ، ހަންޓާ ޝެފާ، އެލެކްސާ ޑެމީ އަދި މައުޑޭ އެޕަޓޯ އެވެ.