ނެޓްފްލިކްސް އިން ގެނެސްދޭ "ވަން ޕީސް"ގެ ލައިވް އެކްޝަން ސީރީޒް "ވަން ޕީސް: އިންޓު ދަ ގްރޭންޑް ލައިން"ގެ ދެވަނަ ސީޒަންގެ ޓީޒާ ޓްރެއިލާ ނެރެފި އެވެ.
މިދިޔަ ހޯމަ ދުވަހު އާންމުކުރި މިނެޓަކާއި 46 ސިކުންތުގެ އެ ޓީޒާގައި ވަނީ އާ ސީޒަންގެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. ޓީޒާއިން އެނގޭ ގޮތުގައި، އާ ސީޒަންގައި މުޅިން އާ ވިލަންތަކެއް ފެންނާނެ އެވެ.
"ވަން ޕީސް"ގެ މަންޒަރުތައް މިފަހަރު ނެގީ ސައުތު އެފްރިކާގެ ކޭޕް ޓައުންގަ އެވެ.
އާ ސީޒަން ސްޓްރީމްކުރަން ފަށަނީ އަންނަ މާޗު މަހު 10 ގަ އެވެ.
ޖަޕާނުގެ އެނިމޭޓެޑް ސީރީޒް "ވަން ޕީސް" އަށް ހެދި މި ލައިވް އެކްޝަން ސީރީޒްގެ ފުރަތަމަ ސީޒަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ސީޒަންއަށް ލިބުނު ތަރުހީބު ބޮޑުވެ، ނެޓްފްލިކްސް ރެކޯޑެއް ވެސް ވަނީ މުގުރާލައިފަ އެވެ.
އެ ސީރީޒްގެ ފުރަތަމަ ސީޒަން ސްޓްރީމް ކުރިން ފެށިތާ ދެތިން ދުވަސް ތެރޭގައި ވަނީ 84 ގައުމެއްގައި އެންމެ ގިނައިން މީހުން ބަލާ ސީރީޒަށް ވެފަ އެވެ. އާންމުކޮށް އެހެން ސީރީޒްތައް އެ ހިސާބަށް ގޮސްފައި ހުރީ ސްޓްރީމް ކުރަން ފަށާތާ ހަފުތާއެއް ވާ ފަހުންނެވެ.
މި ސީރީޒްގެ ލީޑު ރޯލުން ފެންނަ އިނާކީ ގޮޑޯއީ ކުޅެނީ މަންކީ ޑީ ލޫފީގެ ރޯލެވެ.
ކާސްޓުގައި ދެން ހިމެނެނީ ރޮރޮނޯއާ ޒޯރޯ (މެކެންޔޫ)، ނާމީ (އެމިލީ ރުޑް)، އުސޮޕް (ޖެކޮބް ރޮމޭރޯ) އަދި ސަންޖީ (ޓެޒް ސްކައިލާ) އެވެ.
ސަންޖީގެ ރޯލު ކުޅޭ ސްކައިލާއަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް އިން ހަމަޖައްސާފައިވާ ގްލޯބަލް އެމްބަސެޑަރެކެވެ. އޭނާ ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް މި އަހަރު ޓުއާއަކަށް އައިސްފަ އެވެ.