ހިންދީ ލަވަތަކަށް ނަށައިގެން މަޝްހޫރުކަން ހޯދި ކެނެޑާގެ ނެށުންތެރިޔާ، ނޯރާ ފަތެހީ އަށް އިންޑިއާގެ ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.

ނޯރާ އަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވީ ސްޓާ ޕްލަސް އިން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯއެއް ކަމަށްވާ "ޑާންސް ޕްލަސް ޕްރޯ"ގައި އޭނާ ހުށަހެޅި ނެށުމަކަށް ފަހުގަ އެވެ. މިދިޔަ ހަފުތާގައި އޭނާ އެ ޝޯ އަށް ދިޔައީ ގެސްޓް ޖަޖެއްގެ ގޮތުގަ އެވެ.

އެ ޝޯގައި ނޯރާގެ ނެށީ އޭނާގެ މަޝްހޫރު ލަވައެއް ކަމަށްވާ "ނާޗް މެރީ ރާނީ" އަށެވެ. އެ ލަވައަށް ނަށަމުން ނޯރާ ވަނީ "ޓުވާކް" ކުރަމުން އޭނާ އަތުގައި އޮތް ފުޅިއަކުން ގަޔަށް ފެން އަޅައިފަ އެވެ. އަދި އޭނާއާ އެކު އެ ޝޯގެ ދެ ބައިވެރިޔަކު ވެސް ހަމަ އެގޮތަށް ނެށި އެވެ. އާންމުންގެ ނުރުހުން އަމާޒުވީ އެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ބައެއް މީހުން ބުނީ ޓީވީން ގެނެސްދޭ ފެމެލީ ޝޯއެއްގައި މިގޮތަށް ނެށުމަކީ ވަރަށް ބޭއަދަބީ ކަމެއް ކަމަށެވެ. އަދި މި ފުރުސަތު ޓީވީތަކުން ދީގެން ނުވާނެ ކަމަށާއި ބްރޮޑްކާސްޓްކުރުމުގެ މިންގަނޑާ ވެސް ސްޓާ ޕްލަސް އިން ހިލާފުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެ ޗެނަލަށް ފިޔަވަޅު އަޅަން ވެސް ގޮވާލަމުންނެވެ.

ނޯރާ އަކީ މިހާރު އިންޑިއާގައި ހުރި އެންމެ ޑިމާންޑް ބޮޑު ނެށުންތެރިޔާ އެވެ. އެންމެ މަޝްހޫރު މިއުޒިކް ލޭބަލްތަކުގެ ބޮޑެތި ޕްރޮޖެޓުތަކުން އޭނާ އަށް އަބަދުވެސް ފުރުސަތު ލިބެ އެވެ.