އިންޑިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގައި ވާދަކުރި ލަވަކިޔުންތެރިޔާ އަދި އެކްޓަރު އަމިތު ޓަންޑަން އަށް ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ސީޒަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަލާޒް ޗެނެލަށް ސަލްމާން ޚާން ހޯސްޓްކޮށްދޭ ޝޯގެ އާ ސީޒަން ގެނެސް ދިނުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު ކަލާޒް އިން މިހާރު އަންނަނީ ޝޯ އަށް ގެންނާނެ ސެލެބްރިޓީން ހޮވުމުގެ މަސައްކަތްކުރަމުންނެވެ. މިހާރު އަމިތަށް ޝޯ އިން ފުރުސަތު ދީފައިވާ ކަމަށާއި އޭނާ އެއަށް އެއްބަސް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އަދި މިކަން ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.

އަމިތަކީ އަބަދު ވެސް ބިގް ބޮސް ފޮލޯކުރާ ފަންނާނެކެވެ. އެގޮތުން ސީޒަން 13 އާއި ސީޒަން 14 ދައްކަމުން ދިޔަ ދުވަސްވަރު ޝޯގެ އެކިއެކި ބައިވެރިންނާ ބެހޭ ގޮތުން އޭނާގެ ހިޔާލުތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޅުކޮށްފައިވެ އެވެ.

އައިޑޮލްގެ ފުރަތަމަ ސީޒަނުގައި 2004 ގައި ބައިވެރިވެގެން ލަވަކިޔުންތެރިއެއްގެ ގޮތުގައި އާންމުންގެ ސަމާލުކަން ހޯދި 42 އަހަރުގެ އަމިތު ފަހުން ބޮޑަށް ފެނިފައި ވަނީ އެކްޓިން ދާއިރާއިންނެވެ. އޭނާ މިހާތަނަށް ވަރަށް ގިނަ ސލްސިލާތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ގަސަމް ތޭރޭ ޕިޔާރު ކީ"، "ދިލް ދެކެ ދޭކޯ"، "މެރީ އާޝިގީ ތުމްސޭ ހީ"، "މޮހައްބަތޭން" އަދި "ސާތު ނިބާނާ ސާތިޔާ" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.

މިހާރު ވެސް ލަވަކިޔާ އަދި ވީޑިއޯ ލަވަތަކުން ވެސް ފެންނަ އަމިތު ބޮލީވުޑްގެ ފިލްމެއްގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ ބިޕާޝާ ބާސޫގެ 2013 ގެ "ކްރީޗާ 3ޑީ" ގަ އެވެ.

އަންހެން ދަރިޔަކު ވެސް ހުރި އަމިތުގެ އަންހެނުންނަކީ ޑޮކްޓަރެކެވެ. އެއީ. ޑރ. ރޫބީ ޓަންޑަނެވެ.

"ބިގް ބޮސް 15" ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބުގަ އެވެ.

އެ ޝޯގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކުރީ ޓީވީ ބަތަލާ ރުބީނާ ދިލައިލެކެވެ. އަމިތާ އެކު އިންޑިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގައި ވާދަކުރި ރާހުލް ވައިދިޔާ އަކީ "ބިގް ބޮސް 15" ގައި ވާދަކޮށްގެން ދެވަނަ ހޯދި ސެލެބްރިޓީ އެވެ.