ވަރަށް މަދުން ނޫނީ ނުފެންނަ ރީނދޫ ކުލައިގެ ކަހަނބެއް އިންޑިއާ އިން ފެނިއްޖެ އެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކަހަނބު ފެނުނީ އޮޑިޝާގެ ބަލަސޯރުން އާދީއްތަަ ދުވަހު އެވެ. ރީނދޫ ކުލައިގެ ކަހަނބުގެ ފޮޓޯ އާއި ވީޑިއޯ ޓްވިޓާގައި ވަރަށް ބޮޑަށް ދައުރުވެފައިވެ އެވެ. މީގެ މުޅި ގައިގައި ރީނދޫ ކުލަ ހުރި އިރު ކުޑަކުޑަ ދެ ލޮލުގައި ހުރީ ފިޔާތޮށި ކުލަ އެވެ.
މި ކަހަނބުގެ ވާހަކަ އިންޑިއަން ފޮރެސްޓް ސާވިސެސް (އައިއެފްއެސް) ގެ އޮފިސަރެއް ކަމަށްވާ ސުސަންތާ ނަންދާ ޓްވިޓާގައި ހިއްސާކުރަމުން ބުނީ މިއީ ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެއް ކަމަށެވެ.
އޭނާ ބުނި ގޮތުގައި އެ ކަހަނބު ފެނުނު މީހުން ފޮރެސްޓް ޑިޕާޓްމަންޓާ އެ ހަވާލުކުރުމުން މިހާރު އޮތީ އެ ތަނުގެ ބެލުމުގެ ދަށުގަ އެވެ.
ވެލަޔާއި ކަހަނބުގެ ވަރަށް ގިނަ ވައްތަރުތައް ދުނިޔޭގެ އެކު ހިސާބުތަކުގައި އުޅެ އެވެ. މިއީ އުމުރު ވެސް ވަރަށް ދިގު އެއްޗެކެވެ. އެގޮތުން 10-100 އަހަރާ ދެމެދުގެ މުއްދަތަކަށް ބައެއް ބާވަތްތަކުގެ ވެލަ އާއި ކަހަނބު ދިރިއުޅެ އެވެ.