ގިނަ އަދަދެއްގެ ފައިސާއާ އެކު ނޭޕާލުން ހައްޔަރުކުރި ދިވެއްސަކީ ލަންކާގައި މަރުގެ ހުކުމުން ސަލާމަތްވި ޔުގީތު އިބްރާހިމްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ މެންދުރު 1:00 ހާއިރު ކަތުމަންޑޫގެ ތަމެލް ސަރަހައްދުގައި ހުންނަ ސްނޯލައިން ހޮޓަލުގެ ކޮޓަރިއެއް ފާސްކޮށް، ހައްޔަރުކުރީ ދިވެއްސެއް ކަމަށްވާ ޔުގީތު އިބްރާހީމް އާއި ނޭޕާލް އަންހެނެއް ކަމަށްވާ އުމުރުން 20 އަހަރުގެ ސްނޭހާ ރިމާލް އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ދިވެއްސަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ލަންކާއިން މަރުގެ ހުކުމް އިއްވާފައި ވަނިކޮށް އެ ގައުމުގެ ހައި ކޯޓުން ސަލާމަތްވި އުމުރުން 41 އަހަރުގެ ޔުގީތު އިބްރާހިމް، އަލިތަރި/ގއ. ވިލިނގިލި އެވެ.
ނޭޕާލް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ލައިންޗޯރު ޕޮލިސް ސާކަލްގެ ޓީމަކުން ހިންގި އޮޕަރޭޝަނުގައި، ޔުގީތު އާއި ނޭޕާލް އަންހެން މީހާ ހުރި ކޮޓަރިން 5.05 މިލިއަން ނޭޕާލީ ރުޕީސް (ގާތްގަނޑަކަށް 526،750ރ.) އާއި، 4،215 އޮމާނީ ރިޔާލް (ގާތްގަނޑަކަށް 169،189ރ.) އަދި 55 ޔޫއޭއީ ދިރުހަމް (ގާތްގަނޑަކަށް 231ރ.) ފުލުހުން ވަނީ އަތުލައިގަނެފަ އެވެ. މި ހުރިހާ ފައިސާއެއްގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 696،170ރ. އަށް އަރަ އެވެ.
ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސްގެ ތަރުޖަމާނު އެސްޕީ ދާން ބަހާދުރު ތާޕާ ވިދާޅުވެފައިވާ ގޮތުގައި، ހައްޔަރުކުރި ދެ މީހުން ވަނީ އެއީ ކައިވެނިކުރަން އުޅޭ ދެ މީހުން ކަމަށް ބުނެފަ އެވެ. ނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށާއި އެހާ ގިނަ އަދަދެއްގެ ފައިސާ ހޯދި ސައްހަ ގޮތެއް ވެސް އެ މީހުންނަށް ބުނެދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލައިގައި އެ ދެ މީހުން ލައިންޗޯރު ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައިވާއިރު، މަނީ ލޯންޑަރިންގެ ތުހުމަތުގައި އިތުރު ތަހުގީގުތައް ހިންގުމަށްޓަކައި މައްސަލަ ނޭޕާލްގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިން އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޔުގީތު އިބްރާހީމަކީ މީގެ ކުރިން ސްރީލަންކާގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މަރުގެ ހުކުމެއް ކޮށްފައި އޮއްވައި، މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އެ ގައުމުގެ އިސްތިއުނާފު ކޯޓުން އެ ހުކުމް ބާތިލުކޮށް މިނިވަންކުރި މީހެކެވެ.
އޭނާ މަރަން ލަންކާގެ ނިގަމްބޯ ހައި ކޯޓުން 2018 ވަނަ އަހަރުގެ މެއި މަހު ހުކުމްކުރީ 1.296 ކިލޯގްރާމްގެ ހެރޮއިން އަތުލައިގަތް މައްސަލައެއްގަ އެވެ. ނަމަވެސް ލަންކާ ޖަލުގައި އަށް އަހަރު ހޭދަކުރި ފަހުން އިސްތިއުނާފު ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުމުގައި ގާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހެކީގެ ރައްކާތެރިކަން ގެއްލިފައިވުމާއި މުހިންމު ހެކިތައް ނެތުމުގެ ސަބަބުން އޭނާ މިނިވަންކުރުމަށް އަމުރުކޮށްފަ އެވެ.