ހޯދި ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާއާ އެކު ދިވެއްސަކާއި ނޭޕާލްގެ އަންހެނަކު ކަތުމަންޑޫން ހައްޔަރުކޮށްފި އެވެ.
ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ މެންދުރު 1:00 ހާއިރު ކަތުމަންޑޫގެ ތަމެލް ސަރަހައްދުގައި ހުންނަ ސްނޯލައިން ހޮޓަލުގެ ކޮޓަރިއެއް ފާސްކޮށް، ހައްޔަރުކުރީ ދިވެހި ފިރިހެނެއް ކަމަށްވާ އުމުރުން 41 އަހަރުގެ ޔުގީތު އިބްރާހީމާއި ނޭޕާލް އަންހެނެއް ކަމަށްވާ އުމުރުން 20 އަހަރުގެ ސްނޭހާ ރިމާލް އެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، ލައިންޗޯރު ޕޮލިސް ސާކަލްގެ ޓީމަކުން ހިންގި މި އޮޕަރޭޝަނުގައި އެ ދެ މީހުން ތިބި ކޮޓަރިން 5.05 މިލިއަން ނޭޕާލީ ރުޕީސް (ގާތްގަނޑަކަށް 526،750ރ.) އާއި، 4،215 އޮމާނީ ރިޔާލް (ގާތްގަނޑަކަށް 169،189ރ.) ގެ އިތުރުން 55 ޔޫއޭއީ ދިރުހަމް (ގާތްގަނޑަކަށް 231ރ.) ވަނީ އަތުލައިގަނެފަ އެވެ. މި ހުރިހާ ފައިސާއެއްގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 696،170ރ. އަށް އަރަ އެވެ.
ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސްގެ ތަރުޖަމާނު އެސްޕީ ދާން ބަހާދުރު ތާޕާ ވިދާޅުވި ގޮތުގައި، އެ ދެ މީހުން ވަނީ އެއީ ކައިވެނި ކުރަން އުޅޭ ދެ މީހުން ކަމަށް ފުލުހުންގެ ގާތުގައި ބުނެފަ އެވެ. ނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށާއި އެހާ ގިނަ އަދަދެއްގެ ފައިސާ ހޯދި ސައްހަ ގޮތެއް ވެސް އެ މީހުންނަށް ބުނެދެވިފައި ނުވާ ކަމަށް ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސްގެ ތަރުޖަމާނު އެސްޕީ ދާން ބަހާދުރު ތާޕާ ވިދާޅުވި އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން މިހާރު ތިބީ ލައިންޗޯރު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި މަނީ ލޯންޑަރިންގެ ތުހުމަތުގައި އިތުރު ތަހުގީގުތައް ހިންގުމަށްޓަކައި އެ މައްސަލަ ނޭޕާލްގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިން އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.